29 ސެޕްޓެންބަރު 2025 - 09:35 4
އަހުމަދު އާއިދު
ޖުމްހުރީ މައިދާން ބަންދުކޮށް އެ ތަނުގައި އާރުޑީސީން މަރާމާތުގެ މަސައްކަތް ކުރަނީ: އެ ސަރަހައްދު ހުޅުވާނެ ތާރީހެއް ސަރުކާރުން ނުބުނޭ ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
29 ސެޕްޓެންބަރު 2025 - 09:35 4
ޖުމްހޫރީ މައިދާނުގެ ބޮޑު ބައެއްގައި ފިލާ ޖަހައި އެ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވަނީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
ޖުމްހުރީ މައިދާނުގެ ހުޅަނގު ކޮޅުގައި ހުންނަ ފައުންޓެއިން އާއި ދިމާލުން ފިލާ ޖަހައި ބަންދުކޮށްފައި ހުންނަތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. މިދިޔަ ހަފުތާ މައިދާނުގެ އިރުމަތީ ފަރާތުން، ފުލުހުންގެ މައި މަރުކަޒާވީ ފަޅި ވެސް ވަނީ ފިލާ ޖަހައި ބަންދުކޮށްފަ އެވެ.
މިކަމާއި ގުޅިގެން އަދަދު އިން މާލެ ސިޓީ ކައުންސިލުގެ މީޑިއާ ޓީމާއި ސުވާލުކުރުމުން ބުނީ މި ކަމަކީ އެ ކައުންސިލުން ކުރާ ކަމެއް ނޫން ކަމަށެވެ.
އިތުރު ތަފުސީލު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސުވާލުކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ ޖުމްހޫރީ މައިދާން ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ހުޅުވާލާނެ ދުވަހެއް ނުބުނެ އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ މަގުހަދާ ކުންފުނި، އާރުޑީސީގެ މުވައްޒަފުންނެވެ. އެ ސަރަހައްދަށް ހެވީ މެޝިނަރީޒް ވައްދާ، ކުރިން އަތުރާފައި ހުރި ގައުތަކާއި ސިމެންތި ބެންޗުތައް މިހާރު ވަނީ ތަޅާލާފަ އެވެ.
އެ ސަރަހައްދު ބަންދުކޮށްފައި މިވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އެ އެއްވުމުގެ ބައިވެރިން ޖުމްހުރީ މައިދާނަށް ވަންނަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވަނީ ދެއްވާފަ އެވެ.
ހުކުރު ދުވަހުގެ ރޭ ދިވެހި ރައްޔިތުން މާލޭގެ މަގުތައް ފުރާލާނެ ކަމަށް ވިދާޅުވެ ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓު ނިންމާލެއްވީ، ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް ކަމަށް ވިދާޅުވަމުންނެވެ.
Comment