25 ސެޕްޓެންބަރު 2025 - 07:11 0
25 ސެޕްޓެންބަރު 2025 - 07:11 0
މެޑްރިޑް (ސެޕްޓެމްބަރު 25) - އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ނޮޓިންހަމް ފޮރެސްޓް، 29 އަހަރަށް ފަހު، ޔޫރަޕްގެ ފުޓްބޯޅަ އަށް އެނބުރި އައި މެޗުގައި، ރޭ ޔޫރޮޕާ ލީގުގައި ރެއާލް ބެޓިސްއާ 2-2 އިން އެއްވަރުވެއްޖެ އެވެ.
ފޮރެސްޓުން ނަތީޖާ އަނބުރާލައި ލީޑުނެގި މި މެޗުގައި، ބެޓިސް އަށް ފަހު ވަގުތު އެއްވަރުކޮށްދިނީ، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރު ބެޓިސް އަށް ދާއިމީ ކޮންޓްރެކްޓެއްގައި ބަދަލުވި، އެންޓޮނީ ޖެހި ގޯލުންނެވެ.
ބެޓިސް ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމަށް 15 ވަނަ މިނިޓްގައި ލީޑުނަގައިދިނީ، ކޮންގޯ ގައުމީ ޓީމުގެ ފޯވާޑް، ސެޑްރިކް ބަކަމްބޫ އެވެ. އޭގެ ތިން މިނިޓް ފަހުން، މެޗުގެ 18 ވަނަ މިނިޓްގައި، ފޮރެސްޓުން އެއްވަރުކުރީ، މޯގަން ގިބްސް ވައިޓް ދިން ބޯޅައަކުން އީގޯ ޖީސޫސް ޖެހި ގޯލުންނެވެ. އަދި، އެއްވަރުކުރިތާ މާ ގިނައިރެއްނުވެ، ޖީސޫސް ވަނީ އިތުރު ގޯލެއް ޖަހައި، ފޮރެސްޓަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި، ޖީސޫސް މި ލަނޑު ޖެހީ، ޑަގްލަސް ލުއީޒް ދިން ބޯޅައަކުންނެވެ.
މިދިޔަ ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އަންޖް ޕޮސްޓެކޮގްލޫގެ ކޯޗުކަމުގައި ކުޅޭ ފޮރެސްޓުން މޮޅުވާން ދަނިކޮށް، ބެޓިސް އިން އެއްވަރުކުރި ލަނޑު އެންޓޮނީ ޖެހީ 85 ވަނަ މިނިޓްގަ އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ ހަތް ވަނައިގައި ނިންމި، ފޮރެސްޓް، މި ފަަހަރު އަސްލު ކުޅެން ޖެހުނީ ކޮންފަރެންސް ލީގުގަ އެވެ. އެކަމަކު، ކްރިސްޓަލް ޕެލަސް އަށް ދިމާވި މައްސަލައިގެ ސަބަބުން، އެ ޓީމު ކޮންފަރެންސް ލީގުގައި ކުޅެން ޖެހި، ފޮރެސްޓަށް ޔޫރޮޕާ ލީގުން ފުރުސަތު ފަހިވީ އެވެ.
Comment