25 ސެޕްޓެންބަރު 2025 - 11:57 0
އަމަން ހަލީމް
މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް: ޑިއުޓީ އާމްދަނީ ދަށްވިޔަސް އިމްޕޯޓު ކުރާ މިންވަރު މަދެއް ނުވޭ --- ފޮޓޯ: އަދަދު ފައިލް
25 ސެޕްޓެންބަރު 2025 - 11:57 0
މި އަހަރުގެ ތެރޭގައި އިމްޕޯޓު ޑިއުޓީން ދައުލަތަށް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެންމެ ދެ ބިލިއަން ރުފިޔާ ލިބިފައިވާތީ، ބަޖެޓުގައި އަންދާޒާ ކުރި އަދަދަށް އިމްޕޯޓު ޑިއުޓީގެ އާމްދަނީ ލިބިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގެ ނިޔަލަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.3 ބިލިއަން ރުފިޔާއަށް ވުރެ ވެސް މަދު އަދަދެކެވެ.
އިމްޕޯޓު ޑިއުޓީ އާމްދަނީ ކުރީ އަހަރުތަކަށް ވުރެ ދަށް މައްސަލަ މި އަހަރުގެ ކުރީކޮޅުން ފެށިގެން ފާހަގަވި އެވެ.
މިހެން ދިމާވާ ސަބަބެއް ކަމަށް އެއް ބަޔަކު ބުނަމުން ދަނީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމުން އާމްދަނީއަށް ދަށްވުމެވެ. އަނެއް ބަޔަކު ބުނަނީ މި މައްސަލަ ގުޅެނީ ސިނގިރޭޓު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ޑިއުޓީ ނުދައްކާ ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލައާ ކަމަށެވެ.
ޑިއުޓީ އާމްދަނީގެ މައްސަލައިގައި ކަންބޮޑުވުން ހުއްޓަސް، މިހާތަނަށް ސަރުކާރުން ރަސްމީކޮށް މިހެން ދިމާވާ ސަބަބެއް ނުބުނެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފެބްރުއަރީ 18 ގައި، ވިދާޅުވީ އެހެން ދިމާވަނީ އެފްޓީއޭގެ ސަބަބުން ނޫން ކަމަށެވެ. ނަމަވެސް އެހެން ދިމާވާ ސަބަބެއް ވިދާޅުވެ ނުވެ، އޭނާ ވިދާޅުވީ ފިނޭންސާއި މީރާގެ ހިސާބުތަކުން ނޫސްވެރިން އެކަން ހޯދައި ބެލުމަށެވެ.
ފިނޭންސުގެ ރެކޯޑުތަކާ ހަވާލާދީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވި ހަތަރު އަހަރުގެ ތެރޭގައި ޑިއުޓީގެ ގޮތުގައި އެވަރެޖުކޮށް މަހެއްގެ މައްޗަށް 276 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.
ނަމަވެސް މި އަހަރު މިއަށް ވުރެ މަތިން ޑިއުޓީ ވަނީ އޭޕްރީލް (312 މިލިއަން ރުފިޔާ) އާއި މެއިގައި (291 މިލިއަން ރުފިޔާ) އެވެ. މި އަހަރުގެ ޖެނުއަރީ (199 މިލިއަން ރުފިޔާ) އާއި ޖޫންގައި (184 މިލިއަން ރުފިޔާ) ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު 200 މިލިއަން ރުފިޔާއަށް ވުރެ ދަށެވެ.
އަހަރުގެ ބާކީ އޮތް ތަނުގައި އަންދާޒާކުރި ވަރަށް ޑިއުޓީ އާމްދަނީ ލިބޭތޯ ބަލައިއިރު، މިދިޔަ ހަތަރު އަހަރުގެ ފަހު ހަތަރު މަހު ޑިއުޓީ އާމްދަނީގެ ގޮތުގައި ލިބުނު އަދަދުގެ އެވަރެޖަކީ 1.2 ބިލިއަން ރުފިޔާ އެވެ.
މިހެން ކަމުން، އާދަޔާ ހިލާފު އިތުރުވުމެއް އައިސްގެން މެނުވީ، މި އަހަރުގެ ޑިއުޓީ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބޮޑަށް ލަފާކުރެވެނީ 3.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ 800 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އިމްޕޯޓު ޑިއުޓީ އާމްދަނީ ދަށް ވިޔަސް، ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރަކަށް ބަދަލެއް ނާދެ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ އަށް މަހާއި މި އަހަރުގެ ފުރަތަމަ އަށް މަސް އަޅައިބަލައިއިރު، އެތެރެކުރި މުދަލުގެ އަގުގައި އުޅެނީ 111 މިލިއަން ރުފިޔާގެ ފަރަގެކެވެ. މި އަދަދަށް ރިއާޔަތްކުރާއިރު، ޑިއުޓީ އާމްދަނީ ދަށްވީ މުދާ އެތެރެކުރާ ވަރު މަދުވެގެން ނޫން ކަން ސާފު ވެ އެވެ.
ބަޖެޓުގައި އަންދާޒާ ކުރާ ވަރަށް ޑިއުޓީ އާމްދަނީ ނުލިބޭނެ ކަމަށް ބެލެވޭއިރު، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ބަޖެޓުގައި އަންދާޒާ ކުރި ވަރަށް ޑިއުޓީ އާމްދަނީ ނުލިބެ އެވެ.
Comment