24 ސެޕްޓެންބަރު 2025 - 18:54 5
އައްޑޫ ސިޓީ ހިތަދޫ ޕޯޓަށް މުދާ ހުސްކުރަން އާގު ބޯޓެއް ބަނދަރުކޮށްފައި: މިއީ ވެސް އެމްޕީއެލްއިން ބަލަހައްޓާ ބަނދަރެއް --- ފޮޓޯ: އެމްޕީއެލް
24 ސެޕްޓެންބަރު 2025 - 18:54 5
ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑުކުރި ފަހުން ވަގު ދުންފަތުގެ މައްސަލަތައް އިތުރުވެފައި ވަނިކޮށް، އައްޑޫ ސިޓީ ހިތަދޫ ޕޯޓުން 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވާ ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް މި މުދާ ޑިކްލެއާކޮށްފައި ހުރި ގޮތުގެ ތަފުސީލެއް ނޫނީ މިކަމުގައި ޝާމިލުވާ ބަޔަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކަސްޓަމުން ނުދެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މި ތަކެތީގެ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 15 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ވަގަށް ދުންފަތް އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން މި އަހަރުގެ ތެރޭގައި ބައެއް ޝިޕްމަންޓުތައް އަތުލައިގަނެވުނު ނަމަވެސް، ބާޒާރުގައި ވަގަށް އެތެރެކޮށްގެން ވިއްކާ ދުންފަތާއި ސިނގިރޭޓުގެ ބާވަތްތައް ވަރަށް ގިނަ އެވެ. މިކަމާ ގުޅޭ މައުލޫމާތު ދިން ބައެއް މީހުން ބުނީ، ކަސްޓަމްސްއަށް އަތުލައިގަނެވެނީ މަދު މިންވަރެއް ކަމަށެވެ.
ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތަކުގެ އިތުރުން، ސިނގިރޭޓު ވަގަށް ނެގުމާއި ވަގަށް ބޮންޑުތަކުން ނެރުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ސިނގިރޭޓު ބޭރުކުރުމުގައި ފުލުހުންނާއި ސިފައިންގެ ބައިވެރިވުން އޮތް މައްސަލައެއް ވެސް ފެންމަތިވި އެވެ.
Comment