Advertisement

ބުރު އާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު

24 ސެޕްޓެންބަރު 2025 - 18:02 0

އީގަލްސްގެ އިއްބެ އަތުން ބޯޅަ ޙޯދަން ބުރުގެ ނާއިމް މަސައްކަތްކުރަނީ.-- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ބުރު އާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު

24 ސެޕްޓެންބަރު 2025 - 18:02 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ކްލަބް އީގަލްސް އިން ދެ ގޯލު ޖަހާފައިވަނިކޮށް، ބުރު ސްޕޯޓްސް ކްލަބުން 2-2 އިން އެއްވަރުކޮށްފި އެވެ.

ލީގުގައި ފުރަތަމަ ކުޅުނު މެޗުން އީގަލްސް ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފަ އެވެ. އަދި، ބުރުން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން އީގަލްސް އިން ރަނގަޅަށް ކުޅެ، ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން، އީގަލްސްގެ ފުރަތަމަ ގޯލު ޖެހީ، ބުރުގެ ކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފައި ނުކުތް ބޯޅައެއްގެ ރީބައުންސުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭގެ އިރުކޮޅެއް ފަހުން، ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އީގަލްސްގެ ލީޑުފުޅާކޮށްދިނެވެ.

ބުރުގެ ހަލީލް ކައިރިން ބޯޅަ ހިފައިގެން އީގަލްސްގެ އިއްބެ ދަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުުން ލަނޑެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ކުރިން އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އެވެ. ހިލޭޖެހުމަކުން ނާއިމް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަަނަށް އަމާޒުވިއިރު، އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ހުރީ ބަލަހައްޓައިގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން، ބުރުން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ގޯލެއް ޖަހައި އެއްވަރުކުރެވޭތޯ މަސައްކަތް ފެށި އެވެ. އެ ގޮތުން، ކުރަމުން އައި މަސައްކަތުގެ ތެރެއިން ލިބުނު ޕެނަލްޓީ އަކުން އެއްވަރުކުރި އެވެ. އީގަލްސްގެ އޭރިއާތެރެއިން ބުރުގެ ނާއިމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ބުރުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގައި ބުރަށް ލީޑުނަގައިދޭން އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އޭރިއާ ރޮނގުމަތިން ޖެހި ބޯޅަ ކީޕަރު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އަދި، އީގަލްސް އަށް އަލުން ލީޑުނަގައިދޭން، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އިބްރާހިމް ލެބީ، އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު، ފައިސަލް ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން އިތުރު ވަގުތުގައި ކޯނަރަކުން އައި ބޯޅައެއްގައި އީގަލްސް އިން ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ ހުއްޓުވައިފަ އެެވެ.

ލީގުގައި މިރޭ މާޒިޔާ އިން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.