Advertisement

ފަރުވާ އަށް ފަހު ހޮކޭ ހޮސްޕިޓަލުން ދޫކޮށްލައިފި

30 ނޮވެންބަރު 2025 - 08:55 0


ފަރުވާ އަށް ފަހު ހޮކޭ ހޮސްޕިޓަލުން ދޫކޮށްލައިފި

30 ނޮވެންބަރު 2025 - 08:55 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން އޮޑި ސްޕޯޓްސް ކްލަބް މޮޅުވި މެޗުގައި ފިޓްޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު، އޮޑީގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޓީސީ އަތުން 3-0 އިން އޮޑި މޮޅުވި މި މެޗުގެ 66 ވަނަ މިނިޓްގައި، ދަނޑުގެ މެދެއްހާ ހިސާބުން މަތިން އައި ބޯޅައަކަށް ފުންމައިގެން އަރައި, ޓީސީގެ އަހުމަދު މާއިޝް (މާއީ)، ކައިރިން ބޮލުން ބޯޅަ ފޮނުވާލި ހޮކޭ ވަގުތުން ދަނޑުމައްޗަށް ވެއްޓުނެވެ.

ހޮކޭ، ވެއްޓުނުތަނުގައި، ދަނޑުމަތީގައި ގިނަ އިރުތަކެއް ވަންދެން ބާއްވައި، ފަރުވާ ދިނުމަށް ފަހު، އަށިގަނޑުގައި ދަނޑުން ބާލައި، ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ ވަގުތު އެމްބިއުލަންސްގެ އިންތިޒާމް ހަމަޖައްސާފައި ނެތުމުން، ހޮކޭ ގެންދިޔައީ އެ ތަނުން ހޯދި ވެހިކަލްއެއްގަ އެވެ.

ހޮކޭ އަށް އަނިޔާވެގެން އިއްޔެގެ މެޗުގެ ތެރެއިން އަށިގަނޑުގައި ދަނޑުން ބާލަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ޖުމްލަ އެކު ތިން ފަހަރެއްގެ މަތިން ކުރު މުއްދަތެއްގެ ތެރޭގައި ފިޓްޖެހުނު ހޮކޭ އަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ރަނގަޅުވުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ފުރަަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ހޮކޭ، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު، އެނބުރި އައީ އޮޑީގެ ކެޕްޓަންގެ ގޮތުގައި މި ސީޒަނުގަ އެވެ.

އޮޑިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ހޮކޭ އަށް ދިމާވި މި ކުއްލި ހާލަތުގައި އޭނާ އަށް މެޑިކަލް އެހީތެރިކަން ފޯރުކޮށްދިން އޮޑީގެ ފިޓްނަސް ކޯޗު، އަހުމަދު މަހުފޫޒް މުހައްމަދު އާއި ޓީސީގެ ފިޒިއޯ ޝަރަފުއްދީން (ޝަރަފް) އަދި މާޒިޔާގެ މެޑިކަލް އޮފިސަރު، ޑރ. ހިޝާމް ޒަކީ އަށް ޝުކުރު އަދާކޮށްފަ އެވެ.