24 ސެޕްޓެންބަރު 2025 - 15:09 1
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު: އެސްޓީއޯއިން މިރުހުގެ ވިޔަފާރި ކުރަމުންދާނީ ކަނޑޫދޫގެ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެންބަރު 2025 - 15:09 1
ފައިދާވާ ރަަނގަޅު އަގެއްގައި ކަނޑޫދޫ މިރުސް އެސްޓީއޯއަށް ގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެސްޓީއޯއަށް ކަނޑޫދޫ މިރުސް ގަންނާނީ ކަނޑޫދޫ ރައްޔިތުން ވިއްކާ އަގެއްގައި ގެއްލުމެއް ނުވާ ގޮތަށް ކަމަށެވެ.
"އެސްޓީއޯއިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް އޭގެ ފައިދާވާ ރަނގަޅު އަގުގައި އެ މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައިގެން ކަމުގައިވިޔަސް، ތިބޭފުޅުންނަށް އޭގެ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅުންނަށް ދެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެސްޓީއޯއިން ގަވާއިދުން 23 ބާވަތެއްގެ ތަކެތި އެތެރެކުރަން ނިންމިއިރު، އޭގެ ތެރޭގައި މިރުސް ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް އެސްޓީއޯއިން މިރުހުގެ ވިޔަފާރި ކުރަމުންދާނީ ކަނޑޫދޫގެ ރައްޔިތުންނަށް އޭގެ ސަބަބުން ގެއްލުން ނުވާ ގޮތަށް ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދޭތެރެއިން އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި ރެގިއުލާ ބޭސިސްގައި އިމްޕޯޓްކޮށް ވިއްކަން ނިންމި ނިންމުމުގެ ތެރޭގައި މިރުސް ހިމެނޭނެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ޔަގީންކަމެއް ދެން ތިބޭފުޅުންގެ ވިޔަފާރިއަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
އަސާސީ ކޯބާތަކެތީގެ ގޮތުގައި ބަލައިގެން އެސްޓީއޯއިން އެތެރެ ކުރަން ނިންމާފައިވަނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އާއި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެއްޗެވެ.
ސަރުކާރުން މޭވާ އާއި ތަރުކާރީ ގެންނަން ނިންމީ މާލޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު ވަރަށް މަތިވުމުންނެވެ. އަގު އެންމެ ބޮޑުވި ބާވަތްތަކުގެ ތެރޭގައި އާފަލު ހިމެނެ އެވެ.
އެސްޓީއޯއިން މީގެ ކުރިން ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދިޔައީ ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން ބައެއް ބާވަތްތަކުގެ ތަރުކާރީ އާދި އެ ނޫން ވެސް ބައެއް ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް ގެނެސް ވިއްކަ އެވެ.
މިއީ މިގޮތަށް އާންމުން ކުރާ މިފަދަ ވިޔަފާރިއެއްގެ ތެރެއަށް އެސްޓީއޯއިން ވަން ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު ރާއްޖެއަށް ކާބޯތަކެތި އެތެރެކޮށް ވިއްކާ އަމިއްލަ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
Comment