Advertisement

އީ-ވޭސްޓް ހެކަތޯން ބާއްވަން އެމްއެންޔޫއާއެކު ދިރާގުން ސޮއިކޮށްފި

24 ސެޕްޓެންބަރު 2025 - 14:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އީ-ވޭސްޓް ހެކަތޯން ބާއްވަން އެމްއެންޔޫއާއެކު ދިރާގުން ސޮއިކޮށްފި

24 ސެޕްޓެންބަރު 2025 - 14:56 0

ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް އަމާޒުކޮށްގެން އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް އެމްއެންޔޫއާ އެކު ދިރާގުން ބައިވެރިވެއްޖެ އެވެ.

ސެޕްޓެމްބަރު 28، އިން އޮކްޓޮބަރު 7، ގެ ނިޔަލަށް ބާއްވާ އެ ހެކަތޯންއަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލުކުރުމަށް ޒުވާނުން ހެލުންތެރިކުރުވުމުގެ މަގުސަދުގައި ބާއްވާ ހެކަތޯން އެކެވެ.

"ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރެވޭނެ،" ދިރާގުން ބުންޏެވެ.

ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އީ-ވޭސްޓް އަކީ އުކާލެވޭ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. އޭގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި، ފޯނު، ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެ އެވެ.

އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ. އަދި އީ-ވޭސްޓް ހެކަތޯންގެ މަގްސަދަކީ އެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އައު އަދި އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ.

"އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިންގ ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެގޮތްގޮތާއި، ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރެވޭނެ އެވެ.

އޭގެ އިތުރުން އެ މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެ އެވެ. އަދި، މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި ސަސްޓައިނަބިލިޓީ ކުރިއެރުވުމަށް ހިންގާ އެ ފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.