Advertisement

ޗެލްސީ އާއި ލިވަޕޫލް ލީގު ކަޕް ގަދަ 16 އަށް

24 ސެޕްޓެންބަރު 2025 - 08:15 0


ޗެލްސީ އާއި ލިވަޕޫލް ލީގު ކަޕް ގަދަ 16 އަށް

24 ސެޕްޓެންބަރު 2025 - 08:15 0

ލިވަޕޫލް (ސެޕްޓެމްބަރު 24) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި ޗެލްސީން މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ސައުތެމްޓަން އަތުން މޮޅުވީ 2-1 އިންނެވެ. އަދި، ތިން ވަނަ ޑިވިޝަނުގެ ލިންކަން ސިޓީ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.

ލިވަޕޫލުން އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިން ނުލައި ކުޅުނު މެޗުގައި، ލީޑުނެގި އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. މިއީ، ސައުތެމްޓަންގެ ކީޕަރު، އަލެކްސް މެކާތީ ހެދި ގޯހެއްގެ ފައިދާނަގައި، ފެޑެރީކޯ ކިއޭސާ ދިން ބޯޅައަކުން އިސާކް ޖެހި ގޯލެކެވެ. މިއީ، އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ލިވަޕޫލަށް ބަދަލުވެ، އިސާކް ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ލިވަޕޫލްގެ މިޑްފީލްޑަރު، ވަޓާރޫ އެންޑޯ، ކޯނަރެއްގައި ބޯޅަ ދިފާއުކުރަން އުޅެނިކޮށް ހެދި ގޯހެއްގެ ފައިދާނަގައި، ޝިއާ ޗާލްސް ވަނީ ސައުތެމްޓަން އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، މެޗުގެ 86 ވަނަ މިނިޓްގައި، ލިވަޕޫލްގެ ކިއޭސާ ދިން ބޯޅައަކުން، ހޫގޯ އެކިޓީކޭ ވަނީ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ. އެކިޓީކޭ މި ލަނޑު ޖެހުމަށް ފަހު، އުފާފާޅުކުރަން ޖޯޒީ ބޭލުމުން، ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. އިސާކްގެ ބަދަލުގައި ދެ ވަނަ ހާފުގައި ކުޅެން އެރި އެކިޓީކޭ އަށް ފުރަަތަމަ ރީނދޫ ކާޑު ދެއްކީ ރެފްރީގެ ނިންމުމަކަށް ހިތްހަމަނުޖެހިގެން އަތުން ބޯޅައިގައި ޖެހުމުންނެވެ.

ތިން ވަނަ ޑިިވިޝަނުގެ ލިިންކަން ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ކައިރިން ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި، ޗެލްސީގެ އެންޒޯ ފެނާންޑޭޒް ހެދި ގޯހެއްގެ ފައިދާނަގައި، މި ލަނޑު ޖެހީ، ރޮބް ސްޓްރީޓް އެވެ.

ދެ ވަނަ ހާފަށް ކުޅެން ނުކުމެ، ތިން ވަނަ މިނިޓްގައި، އޭރިއާބޭރުން ޓައިރިކް ޖޯޖް ޖެހި ޝޮޓަކުން ކާމިޔާބުކުރި ގޯލާ އެކު، ޗެލްސީން އެއްވަރުކުރި އެވެ. އަދި، އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ، އެއްވަރުކުރިތާ ދެ މިނިޓް ފަހުން، ފަކުންޑޯ ބުއޮނަނޯޓޭ އެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ، ޖޯޖް އެވެ.