Advertisement

އަނިޔާއާ ހެދި ހާއްޕެ އަށް ކްލަބް މޯލްޑިވްސް ކަޕް ގެއްލިއްޖެ

23 ސެޕްޓެންބަރު 2025 - 19:00 0


އަނިޔާއާ ހެދި ހާއްޕެ އަށް ކްލަބް މޯލްޑިވްސް ކަޕް ގެއްލިއްޖެ

23 ސެޕްޓެންބަރު 2025 - 19:00 0

ގައުމީ ފުޓްސަލް ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެނިކޮށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) އަށް ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ކޮލިފައިންގައި ކުޅުނު ފަހު މެޗުގައި، މިޔަންމާ އަތުން ރާއްޖެ 7-3 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައި، ހާއްޕެ އަށް އަނިޔާވެގެން ވަނީ އަށިގަނޑުގައި ބާލައިފަ އެވެ. ހާއްޕެގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ހެދި، ޑޮކްޓަރަށް ދެއްކުމަށް ފަަހު، މިހާރު ވަނީ ޕްލާސްޓަރު އަޅައިފަ އެވެ.

ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ބުނީ، ހާއްޕެގެ ފަޔަށް ލިބުނު އަނިޔާ އިން ރިކަވާވުމަށް މުއްދަތެއް ނަގާނެ ކަމަށާއި، މި މަހު 28 ވަނަ ދުވަހު ފަށާ ކްލަބް މޯލްޑިވްސް ކަޕްގައި ހާއްޕެ ނުފެންނާނެ ކަމަށެވެ.

މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހާއްޕެ ބޯޅަ ހިފައިގެން.


ކްލަބް މޯލްޑިވްސް އިން މި ފަހަރުގެ ފުޓްސަލް ސީޒަން ފަށަން ޗެމްޕިއަނުންގެ މެދުގައި ބޭއްވި ކިންގްސް ކަޕްގެ ތަށި އާރްއާރްސީ އަށް ހޯދައިދޭން ހާއްޕެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަދި، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ފަހެއްގައި ހިމެނުނު ހާއްޕެ ވަނީ ރޯޑް ރެކްރިއޭޝަން ކްލަބް، މުބާރާތުގެ ފައިނަލަށް ގެންގޮސްދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެ ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް އައުމުގެ ކުރިން، ހާއްޕެ އައުމުގެ ކުރިން، 2024 ވަނަ އަހަރުގެ ބޮޑުބައި ކަކުލުގެ އޮޕަރޭޝަނެއްކޮށް، ރިހެބިލިޓޭޝަނުގައި މުއްދަތެއްހޭދަކުރި އެވެ. އެ މުއްދަތުގެ ތެރޭގައި، ރ. އިނގުރައިދޫ އަށް އުފަން ހާއްޕެ އަށް ގޯލްޑަން ފުޓްސަލް ޗެެލެންޖް ގެއްލުނެވެ.

އާރްއާރްސީން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފަށާނީ މި މަހު 28 ވަނަ ދުވަހުގެރޭ އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ.