Advertisement

ޕާކިސްތާނުގައި ފެންބޮޑުވި ހާދިސާގައި ގިނަ ބަޔަކަށް ގެއްލުންވެއްޖެ

23 ސެޕްޓެންބަރު 2025 - 13:46 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ޕާކިސްތާނުގައި ފެންބޮޑުވި ހާދިސާގައި ގިނަ ބަޔަކަށް ގެއްލުންވެއްޖެ

23 ސެޕްޓެންބަރު 2025 - 13:46 0

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި، ފަރުބަދަތަކުގައި ހުރި ސްނޯ ވިރުމުގެ ސަބަބުން ފެންބޮޑުވި ހާދިސާގައި އެ ގައުމުގެ ހާހަކަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެއްލި، ގިނަ ގެއްލުންތަކެއް ވެއްޖެ އެވެ.

ފެން ބޮޑުވުމުގެ ހާދިސާގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. އެ ގައުމުގެ ގިނަ މީޙުން މިހާރު ދިރިއުޅެމުންދަނީ ވަގުތީ ބޯހިޔާވަހިކަމުގަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ދަނޑު ބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ހަނޑުލާއި ގޮވާންތަކާއި ތަރުކާރީގެ ބާވަތްތައް ހަލާކުވެފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި ހުރި ތަރުކާރީ ދަނޑުތައް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. މީގެ ސަބަބުން ކާބޯތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޕާކިސްތާނުގެ މަގުތަކާއި، ސްކޫލްތަކާއި، ކަރަންޓު ވިއުގައަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މީގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.

އެ ގައުމުގައި ސާފު ފެނާއި، ކާނާ އާއި، ބޭސް ވަނީ މަދުވެފަ އެވެ. މިއާއެކީ ސިއްހީ މާހިރުން ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ބަލިމަޑުކަން އަވަހަށް ފެތުރިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ޕާކިސްތާނުގެ ސަރުކާރާއި، އެ ގައުމުގެ ސިފައިންގެ އިތުރުން ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން މީހުން ސަލާމަތްކޮށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެ ގައުމުގެ ފެކްޓަރީތަކާއި ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފަ އެވެ. އަދި ވަރަށް ގިނަ ބައެއްގެ ވަޒީފާ މި ހާދިސާގެ ސަބަބުން ވަނީ ގެއްލިފަ އެވެ.

މާހިރުން ދެކޭ ގޮތުގައި ޕާކިސްތާނަށް މިހާރު ލިބިފައިވާ ގެއްލުމުން އަރައިގަންނަން ގިނަ އަހަރުތަކެއް ނަގާނެ އެވެ. ގެދޮރާއި، ދަނޑުބިންތަކާއި، މަގުތައް އަލުން މަރާމާތުކޮށް ބޭނުންކުރެވޭ ވަރު ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ އެވެ. މި ހާދިސާގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.