Advertisement

މުއިއްޒު ހަމަ މަގަށް ނާޅުވައިފި ނަމަ 2028 ގެ ރިޔާސީ އިންތިހާބެއް ނޯންނާނެ: އިމްރާން

23 ސެޕްޓެންބަރު 2025 - 08:31 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަދާލަތު ޕާޓީގެ ރައީސް އިމްރާހިމް އަބްދުﷲ -- ފޮޓޯ: އަދަދު ނޫސް


މުއިއްޒު ހަމަ މަގަށް ނާޅުވައިފި ނަމަ 2028 ގެ ރިޔާސީ އިންތިހާބެއް ނޯންނާނެ: އިމްރާން

23 ސެޕްޓެންބަރު 2025 - 08:31 3

ރައީސް މުހައްމަދު މުއިއްޒު ހަމަ މަގަށް ނާޅުވައިފި ނަމަ 2028 ގެ ރިޔާސީ އިންތިހާބެއް ނޯންނާނެކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ މި ވެރިކަމާއެކު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އެދޭނަމަ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަން ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

އޭގެ ތެރޭގައި، ވިޔަފާރިތައް ބަނގުރޫޓުވަމުން ދިޔުމާއި މާލީ ދަތިކަން ކުރިމަތިވެ ތަދުމަޑުކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމާއި، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގުރުބާން ވެގެން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހަރާބުކޮށް ސުންނާފަތި ވަމުން ދިޔުން ހިމެނެ އެވެ.

"އަދި ދިވެހި ރައްޔިތުންނަށް އާ ސަންދައިން ބޭސްފަރުވާ ކުރެވެން އެދޭ ނަމަ، މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭ ނަމަ، ފަސޭހަ ކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭ ނަމަ 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފަ،" އިމްރާން ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ހުރިހާ ބާރުތަކެއް އެ މަނިކުފާނުގެ މުށުތެރެއަށް ލެއްވުމަށްޓަކައި، ގާނޫނު އަސާސީ އަށް ބަދަލު ގެނެސް، މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ގޮތް ހެދި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ ކަމަށް ނިންމުމުން، އެ މައްސަލަ ބަލަމުންދިޔަ ބެންޗުގައި އޭރު ތިއްބެވި ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު ސަސްޕެންޑުކޮށް، މައްސަލަ ކުރިއަށް ގެންދިޔުން ހުއްޓުވި އެވެ.

އެހެންވެ، ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އެވެ. މަހާޒު އާއި އަޒުމިރާލްދާ ވަކިކުރީ ޖޭއެސްސީން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ.

މި ބަދަލުތަކުގެ އިތުރުން އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާނު ރިޓަޔާކުރެއްވި އެވެ. މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ގިނައިން ތިއްބެވި ރައީސް މުއިއްޒު އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.

ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ކޮންޓްރޯލް މުއިއްޒު ނެންގެވުމަށް ފަހު މީޑިއާގެ ކޮންޓްރޯލްކުރުމަށްޓަކައި ފާސްކުރި ގާނޫނު ވަނީ ތަސްދީގުކޮށްފަ އެވެ.