22 ސެޕްޓެންބަރު 2025 - 18:28 0
22 ސެޕްޓެންބަރު 2025 - 18:28 0
ފަަހަތުން އަރައި، 2-1 އިން ބަންގްލަދޭޝް ބަލިކޮށް، ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ހޯދައިފި އެވެ.
ޖުމްލަ ހަ ގައުމު ބައިވެރިވި މި މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ދިޔައީ ތިން ވަނަ އެވެ. ސެމީ ފައިނަލުގައި ރާއްޖޭން ބަލިވީ ލަންކާ އަތުންނެވެ. ލީގު ބުރުގައި، ލަންކާ އަތުން މޮޅުވި ނަމަވެސް ސެމީ ފައިނަލުގައި ބަލިވީ އެވެ. ހަމަ އެ ގޮތުން ލީގު ބުރުގައި ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، ތިން ވަނަ ހޮވި މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ފަހަތުން އަރައި، ޝޫޓްއުޓަށް ގޮސްގެންނެވެ.
ކުޅުދުއްފުށި ސިޓީގައި މި މުބާރާތަށް އަމާޒުކޮށް ގާއިމްކުރި ރަނގަޅު ފެންވަރުގެ، ބީޗްހޭންޑްބޯޅަ ކޯޓުގައި ފޯރިގަދަ މާހައުލެއްގައި ކުރިއަށްދިޔަ ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން ފުރަތަމަ ސެޓުގައި ފެނުނީ ތަންކޮޅެއް އާދައިގެ ގޮތަކަށް ކޮންފިޑެންސް ވެސް ދަށްކޮށެވެ. އޭގެ ފައިދާނަގައި، ބަންގްލަދޭޝް އިން ފުރަތަމަ ސެޓު، 25-20 އިން ގެންދިޔަ އެވެ.
އެކަމަކު، ދެ ވަނަ ސެޓުގައި ކުޅެން އަރައި، ރާއްޖޭން ހިތްވަރު ދައްކައި، ނަތީޖާ އަނބުރާލުމުގެ މަސައްކަތް ފެށި އެވެ. ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނުއިރު، އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. ރާއްޖޭގެ ކުޅުންތެރިއަކަށް ވެސް ރަތް ކާޑެއް ދެއްކި ނަމަވެސް، މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފޯކަސް ރަނގަޅުވުމުގެ ފައިދާނަގައި، 12-22 އިން ދެ ވަނަ ސެޓު ގެންގޮސް، ރާއްޖޭން މެޗު ޝޫޓައުޓަށް ގެންދިޔަ އެވެ.
ނަތީޖާއަކަށްވީ ރަނގަޅު ފޯމު ކުރިއަށްގެންގޮސް، ޝޫޓްއައުޓްގައި، ރާއްޖޭން 7-4 އިން މޮޅުވެ، ލޯ މެޑަލް ހާސިލްކުރުމެވެ.
މިއީ، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން، ހޭންޑްބޯލް މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީގައި ބީޗްހޭންޑްބޯޅައިގެ ޕްރޮޖެކްޓް ފަށައި، މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެ ގޮތުން، ޕާކިސްތާންގެ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު އާސިމް ރަޝީދާ އެކު، ޕްލޭނަކަށް މަސައްކަތް ފަށައި، މި އަހަރު މެއި، މަހު އޭޝިއާގެ ހޭންޑްބޯޅަ މުބާރާތުގައި ކުޅެ، އެ ފަހުން، ޓީމު އިތުރަށް ވަރުގަދަކޮށް އެކުލަވާލުމަށް، މާލެ އާއި ކުޅުދުއްފުށީގައި ޓްރަޔަލް ބާއްވައި، މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބީއެއް ހާސިލްކުރީ އެވެ.
މުބާރާތުގެ ފައިނަލުގައި، މިރޭ، ޕާކިސްތާނާއި ސްރީ ލަންކާ ބައްދަލުކުރާނެ އެވެ.
Comment