Advertisement

ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް ރާއްޖެ ސެމީ އަށް

21 ސެޕްޓެންބަރު 2025 - 00:20 0


ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް ރާއްޖެ ސެމީ އަށް

21 ސެޕްޓެންބަރު 2025 - 00:20 0

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ލީގު ބުުރުގެ ފަހު މެޗުގައި، ރާއްޖޭގެ ގައުމީ ޓީމުން އިންޑިއާ އަތުން 2-0 ސެޓުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރާއްޖޭން މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ސްރީ ލަންކާ އާއި ދެކުނު އެފްރިކާ އަތުން މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން މި ވަނީ ޕާކިސްތާނާއި ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. ރޭ ޕާކިސްތާން އަތުންނާއި މިއަދު ހަވީރު ބަންގްލަދޭޝް އަތުން ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ. ނަތީޖާ ނެރެން ޖެހޭ މެޗެއްގެ ގޮތުގައި، ދެކިގެން ނުކުމެ، އިންޑިއާ އަތުން ރާއްޖޭން ކުރިހޯދީ ފުރިހަމަ ކުޅުމަކާ އެކު އެވެ.

ކުޅުދުއްފުށީ ބީޗް ހޭންޑްބޯޅަ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ރާއްޖޭން ގެންދިޔައީ، 22-20، 20-19 އިންނެވެ. ރާއްޖޭން ކުރިން ދެ މެޗުގައި ޕްރެޝަރު ވަގުތުތަކުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރި އެވެ. ފަހު ވަގުތާ ޖެހެންދެން ހިތްވަރުގަދަ ކުޅުމެއް ދައްކައި ނަތީޖާ ނެރުމަށް ކުރި މަސައްކަތުގައި ކާމިޔާބު ހޯދީ އެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅޭ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ވާދަކުރާނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ. އެ އަށް ފަހު ސެމީ ފައިނަލުގެ ދެ މެޗުން ބަލިވާ ޓީމުތަކުގެ މެދުގައި ތިން ވަނަ ހޮވާ މެޗެއް ކުޅޭއިރު، ލީގު ބުރުގެ ފުލަށް ދާ ދެ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި، މާދަމާ ހަވީރު، 16:15 ގައި ލީގު ބުރުގެ އެއް ވަނަ ޕާކިސްތާނުން ކުޅޭނީ ހަތަރު ވަނަ ދިޔަ ބަންގްލަދޭޝްއާ އެވެ. ލީގު ބުރުގެ ދެ ވަނަ ސްރީ ލަންކާ އިން ދެ ވަނަ ސެމީ ފައިނަލުގައި، 17:15 ގައި ތިން ވަނަ ހޯދި ރާއްޖެއާ ކުޅޭނެ އެވެ.

ހޯމަ ދުވަހު ހަވީރު، 16:15 ގައި ކުޅޭނީ، ލީގު ބުރުގެ ފުލަށް ދިޔަ ދެކުނު އެފްރިކާ އާއި އިންޑިއާ އިން ކުޅޭ ރޭންކިން މެެޗެވެ. އަދި، 17:15 ގައި ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ ސެމީ ފައިނަލުން ބަލިވާ ދެ ޓީމެވެ. އަދި، އެރޭ، 20:00 ގައި ސެމީން މޮޅުވާ ދެ ޓީމުގެ ފައިނަލް މެޗު ކުރިއަށްދާނެ އެވެ.