Advertisement

އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާގެ މެޑިކަލް ކޮމިޓީ އަށް ރާއްޖޭގެ ޝަކީބް

21 ސެޕްޓެންބަރު 2025 - 13:15 0


އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާގެ މެޑިކަލް ކޮމިޓީ އަށް ރާއްޖޭގެ ޝަކީބް

21 ސެޕްޓެންބަރު 2025 - 13:15 0

އެންމެ ގައުމު ގިނަ ބައްރު ކަމަށްވާ އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާ، އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ މެޑިކަލް ކޮމިޓީ އަށް ރާއްޖޭގެ ތަޖުރިބާކާރު ސްޕޯޓްސް ޑޮކްޓަރު އަހުމަދު ޝަކީބް އައްޔަންކޮށްފި އެވެ.

އެ ގޮތުން، ޝަކީބް އޭވީސީގެ މެޑިކަލް ކޮމިޓިގެ މެމްބަރެއްގެ މަގާމަށް އައްޔަންކުރީ މި މަހު ހަ ވަނަ ދުވަހު ތައިލެންޑުގައި އޮތް އޭވީސީ ބޯޑް އޮފް އެޑްމިނިސްޓްރޭޝަނުގެ ބައްދަލުވުމެއްގަ އެވެ.

ތަޖުރިބާ އަށް ބަލާއިރު، ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ސްޕޯޓްސް ޑޮކްޓަރު ޝަކީބް ވަނީ މީގެ ކުރިން އޭޝިއާގެ ފުޓްބައިގެ މައި އިދާރާ، އޭއެފްސީއާ ގުޅޭ މުހިންމު ސެމިނާތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ފީފާ ފުޓްބޯލް މެޑިސިން އިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވާ ޝަކީބް ވިދާޅުވީ، އޭވީސީގެ މެޑިކަލް ކޮމިޓީގެ މަގާމަކީ ލިބިގެންދިޔަ ޝަރަފެއް ކަމަށާއި އޭނާ އެ މަގާމަށް ގެނައުމަށްޓަކައި އިތުބާރު ކުރެއްވި ހުރިހާ ފަރާތްތަކުގެ އުންމީދުތަކާ އެއްގޮތަށް އެ ފެޑެރޭޝަނުގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން 2015 ވަނަ އަހަރު ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ޝަކީބް ވަނީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެ ގޮތުން، އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުން ކުޅިވަރުގެ ތެރޭގައި މަސައްކަތް ފެށި، ޝަކީބް ވަނީ 1997 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކާއި އެފްއޭއެމްގައި މެޑިކަލް ކަންކަމުގައި އިސް މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ޝަކީބް ބުނީ މި ކޮމިޓީގައި އޭނާ ހިމެނުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ވީއޭއެމް އިން އޭނާ އަށް ކުރި އިތުބާރާއި، ދިން ސަޕޯޓާއި، ހިތްވަރު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.