21 ސެޕްޓެންބަރު 2025 - 12:33 4
ލީވާން އަލީ ނާސިރު
21 ސެޕްޓެންބަރު 2025 - 12:33 4
ކައުންސިލް އިމާރާތްތަކެއް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ 631 މިލިއަން ރުފިޔާއަށް ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަަލަން ފަށައިފި އެވެ.
އޭސީސީން ބުނީ ކައުންސިލްތައް އަޅަން އާރްސީސީއާ ހަވާލުކުރި މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކަމެއް ނުވަތަ މީހަކު ހުށަހަޅައިގެން ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.
އެއްބަސްވުން ބާތިލުކުރުމަށްފަހު ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނާޒިމްގެ ކުންފުންޏަށް މަޝްރޫއު ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ޖުލައި މަހު އެވެ. އެއްބަސްވުމަކަށް އައިސް ސޮއިކުރީ އޮގަސްޓް 16، ގަ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން އެ މަޝްރޫއު އާރުސީސީއަށް ދިނީ ވެސް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ.
އެއްބަސްވުމުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ ކަމާއި އިމާރާތްތައް ނިމުމުން އެ ފައިސާ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން އާރުސީސީއަށް ދައްކަން ޖެހޭކަން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަށަވަރުކޮށްދެއްވި އެވެ. އެ ރޭޓުން އިމާރަތަކަށް ޖެހެނީ 11.5 މިލިއަނެއްހާ ރުފިޔާ އެވެ.
އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
ކައުންސިލު ޕްރޮޖެކްޓު ފައިނޭންސް ކުރަން އާރުސީސީން ނެގި ލޯނާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. ނަމަވެސް އޭނާ ވަނީ އިތުރު މައުލޫމާތު ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.
މިހެންކަމުން ލޯނުގެ ގޮތުގައި ނެގި ސީދާ އަދަދެއް ނޭނގެ އެވެ. އަދަދު އިން ވަނީ މި މައުލޫމާތު ހޯދަން އާރުސީސީގެ ޗެއާމަން ނާޒިމްއަށް ގުޅައިގެން އޭނާގެ ބަހެއް ލިބޭތޯ ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މީޑިއާތަކުން "ބޭނުން ވާހަކައެއް ލިޔާތީ" މިހާރު މީޑިއާތަކަށް މައުލޫމާތު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއު އާރުސީސީއާ ހަވާލުކުރީ އެއްވެސް އިއުލާންކުރުމެއް ނެތި އެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އެ ކުންފުންޏަކީ މި ސަރުކާރާ ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ނާޒިމް އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަށް ވާތީ އެވެ.
Comment