21 ސެޕްޓެންބަރު 2025 - 08:24 0
21 ސެޕްޓެންބަރު 2025 - 08:24 0
މިއުނިކް (ސެޕްޓެމްބަރު 21) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ހެރީ ކޭންގެ ހެޓްރިކާ އެކު، 4-1 އިން ހޮފެންހައިމް އަތުން މޮޅުވެއްޖެ އެވެ.
މި ސީޒަނުގައި މިހާތަނަށް ކޭން، 32، އަންނަނީ ތަފާތު ފޯމެއް ދަމަހައްޓަމުންނެވެ. އެ ގޮތުން، ސީޒަނުގެ މިހާތަނަށް ކުޅުނު ހަތް މެޗުން ކޭން ވަނީ 13 ގޯލު ޖަހައި، ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ހޮފެންހައިމް ދަނޑުގައި ރޭ ކުޅުނު މެޗުގައި، ކޭން ވަނީ 44 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދީފަ އެވެ. މިއީ ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތެއްގައި ކޭން ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ކޭން ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ހޮފެންހައިމްގެ އަަލްބިއަން ހަޖްދާރީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އަކުން ކޭން ޖެހި ގޯލެކެވެ. ކޭން، ބަޔާންގެ ތިން ވަނަ ލަނޑު އަދި ހެޓްރިކް ފުރިހަމަ ކުރި ގޯލު ޖެހީ، މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މިއީ، ބަޔާންގެ މައިކަލް އޮލީސޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ.
"ހެޓްރިކް ހެރީ، އެއީ އަހަންނަށް ސްކޫލުގައި ކިޔާ ނަމަކީ، އެހެންވީމަ، ކުޑައިރުގައި ދެއްކި އެ ވާހަކަ އަަބަދުވެސް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރޭ. އޭރިއާތެރެއިން ކޮންމެ ފުރުސަތެއް ލިބުނަސް އަހަރެން ބޭނުމީ ގޯލަށް ބޯޅަ ފޮނުވާލަން، އެއީ ޕެނަލްޓީއެއް ވިޔަސް ވިސްނުމަކީ އެއީ،" ޑެޒްން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކޭން ބުންޏެވެ.
ރޭގެ މެޗުގައި ބަޔާނުން ތިން ގޯލު ޖެހި ފަހުން، ހޮފެންހައިމްގެ ހަމައެކަނި ލަނޑު ޖެހީ ވްލަޑިމީރް ސޫފާލް އެވެ. އަދި، މެޗުގެ އިތުރު ވަގުުތުގައި ސާޖް ގްނާބްރީ ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން އޮތީ މި ފަަހަރުގެ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު، ލީގުގެ އެއް ވަނައިގަ އެވެ.
Comment