21 ސެޕްޓެންބަރު 2025 - 00:09 0
21 ސެޕްޓެންބަރު 2025 - 00:09 0
އުމުރުން 16 އަހަރުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީގެ ގޯލާ އެކު، ކްލަބް ވެލެންސިއާ އިން މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 2-1 އިން ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެއްޖެ އެވެ.
މިއީ، މިދިޔަ ދެ އަހަރު ތެރޭ މި ދެ ޓީމުން ވެސް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ގްރީން ސްޓްރީޓްސް އިން 2023 ވަނަ އަހަރުގެ ލީގު ނިމެންދެން ކުޅުނު ނަމަވެސް، އެ އަހަރުގެ ނޮވެމްބަރު މަހު، މާލީ މައްސަލަތަކާ ހެދި ވެލެންސިއާ އިން ލީގުން ވަކިވި އެވެ. މި ދެ ޓީމު ވެސް މި އަހަރު އެފްއޭއެމް އިން މެއި މަހު ބޭއްވި ލީގު ކަޕްގައި ކުޅެފައިނުވެ އެވެ.
ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްޗަށް ބަރޯސާވެ، އެކުލަވާލައިފައި އޮތް ވެލެންސިއާ ސްކޮޑުގެ ކެޕްޓަންކަން މި މެޗުގައި ކުރީ އީތަން އެވެ. އުމުރުން 16 އަހަރުގެ އީތަން ވަނީ މެޗު ފަށައިގެން ލިބޭ ފުރުސަތުތަކުގައި ނުރައްކާކުރަން ފަށައިފަ އެވެ. އެ ގޮތުން، މެޗުގެ 14 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސް ޑިފެންސް ތެރެއިން ޖާގައެއް ހޯދައި އީތަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، ދެން ވެސް މި މެޗުގައި ލަނޑު ޖެހީ ވެލެންސިއާ އިންނެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ސްޕެއިން ފޯވާޑް، އަބޫބަކާރު ސިލާ އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގައި ލަނޑެއް ޖަހަން ގްރީން ސްޓްރީޓްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ހަ ވަނަ ިމިނިޓްގައި، ގްރީން ސްޓްރީޓްސްގެ ލަނޑު ޖެހީ އެ ޓީމުގެ މިސްރު ފޯވާޑް އޮބައިދާ ކަދިމް އެވެ.
ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮތީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. އެ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބުން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، ޓީސީ ވަނީ ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ.
Comment