Advertisement

އަދި އެއް ފަހަރު ބާސެލޯނާ އަށް ކޯޗުކޮށްދޭން އެންރީކޭ ބޭނުންވޭ

20 ސެޕްޓެންބަރު 2025 - 06:32 0


އަދި އެއް ފަހަރު ބާސެލޯނާ އަށް ކޯޗުކޮށްދޭން އެންރީކޭ ބޭނުންވޭ

20 ސެޕްޓެންބަރު 2025 - 06:32 0

ޕެރިސް (ސެޕްޓެމްބަރު 20) - ކޯޗިން ކެރިއަރުގައި އަދި އެއް ފަހަރު ބާސެލޯނާ އަށް ކޯޗުކޮށްދިނުމުގެ ޝައުުގުވެރިކަން ލުއިސް އެންރީކޭގެ އެބަހުރި ކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެންރީކޭ ވަނީ މީގެ ކުރިން، 2014-2017 އަށް ބާސެލޯނާ އަށް ކޯޗުކޮށްދީފަ އެވެ. އެ ޓީމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި، ތިން ތަށި ހޯދައި، ތާރީހީ ކަމެއް ހާސިލްކުރި އެންރީކޭ، މި ވަގުތު ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ކުރިން ސްޕެއިން ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން އެންރީކޭ، އޭނާގެ ގާތް މީހުން ގާތުގައި ބުނެފައިވާ ގޮތުގައި، ކެރިއަރުގައި އަދި އެއް ފަހަރު ބާސެލޯނާގެ ބެންޗުން ފެންނާނެ އެވެ. އެކަމަކު، މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ޕީއެސްޖީއާ އެކު، އެންރީކޭ ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމްކޮށް އެ ފުރިހަމަ ކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީން ވަނީ އެންރީކޭގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހަތަރު ތަށި ހޯދައިފަ އެވެ. އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ހޯދިއިރު، އެމެރިކާގައި ކުޅުނު ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި އެވެ.

ދެ އަހަރު ކުރިން ޕީއެސްޖީއާ ގުޅުނު އެންރީކޭ ވަނީ މީގެ ކުރިން ރޯމާ އާއި ބާސެލޯނާ އަދި ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ.