Advertisement

ގައުމީ ފުޓްސަލް ޓީމާ އެކު ޓޯޑުގެ ކޯޗިން ކެރިއަރަށް ރަނގަޅު ފުރުސަތެއް

20 ސެޕްޓެންބަރު 2025 - 05:54 0


ގައުމީ ފުޓްސަލް ޓީމާ އެކު ޓޯޑުގެ ކޯޗިން ކެރިއަރަށް ރަނގަޅު ފުރުސަތެއް

20 ސެޕްޓެންބަރު 2025 - 05:54 0

މި ފަހަރުގެ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ ޝަރަފެއްގެ ގޮތުގައި، ކާމިޔާބު ފުޓްސަލް ކޯޗު، މުހައްމަދު ފުހެއިދު (ޓޯޑް) ބުނެފި އެވެ.

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ ރާއްޖޭގެ ޓީމު އެކުލަވާލުމަށްޓަކައި، ކޯޗެއް ނެގީ، އިއުލާނުކޮށްގެންނެވެ.

އެފްއޭއެމުން ގައުމީ ފުޓްސަލް ޓީމުގެ، ހެޑް ކޯޗަކަށް، އަހުމަދު ނިޔާޒް (ނިޔާ) އަދި އެސިސްޓަންޓް ކޯޗަކަށް ޓޯޑު ހަމަޖައްސައި މަސައްކަތް ފެށި އެވެ. އަދި، އުނދަގޫ ހާލަތެއްގައި ޓީމު އެކުލަވާލައިގެން، މިޔަންމާ އަށް ކޮލިފައިން މެޗުތައް ކުޅެން ގޮސް، ފުރަތަމަ މެޗުގައި، މިއަދު، ރާއްޖެ ގަޑިން 14:30 ގައި ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ބައްދަލުކުރާނެ އެވެ.

ތައްޔާރީތަކުގެ ތެރެއިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޓޯޑު ބުނީ، ހުރިހާ ޕްލޭޔަރުންގެ ވެސް ވޯކް ރޭޓާ އެއްޗެހި ފެންނަނީ ރަނގަޅަށް ކަމަށެވެ. އެކަމަކު، މީގެ ކުރިން ވެސް ތަކުރާރުކޮށްު ފުޓްސަލް ގައުމީ ޓީމުގެ ކޯޗުން ފާހަގަކުރި އެއް ކަންތައް ކަމަށްވާ އިންޑޯއެއް ނެތުމުގެ މައްސަލަ ޓޯޑު ވެސް ފާހަގަކުރި އެވެ.

"ދެން، މީގެ ތެރޭގައި ރާއްޖޭގެ ވަރަށް ކީ ބޮޑެތި ޕްލޭޔަރުން އެބަތިބި އިންޑޯ އަށް ނާރާ. މިސާލަކަށް އަޔާ މެން ކަހަލަ ޕްލޭޔަރުން އަދި އިންޑޯއެއްގައި ނުކުޅޭ. ހަމަ މުބާރާތަކަށް ވަންނައިރު، އިންޑޯ އަަކަށް ނުވަދެ ދިޔައީމަ އުނދަގުލަކަށް ދިމާވާނެ. އަޔާ، އެކަންޏެއް ނޫން އެބަތިބި ހަަމަ އެހެން ޕްލޭޔަރުން ވެސް. މީގެ ހަމަ، ކީ ޕްލޭޔަރެއް އެކަހަލަ އިންޑޯއެއް ނުލިބި އިންދަ އަނެއްކާ މުބާރާތަކަށް ގޮސް ވަންނަން ވީމަ އުނދަގޫވާނެ ހަމަ،" ޓޯޑު ބުންޏެވެ.

"ވަރަށް އުނދަގޫ ދަނޑިވަޅެއްގައި ޕްލޭޔަރުން ސެލެކްޓް ކޮށްލައިގެން ދާއިރުގައި، ޕްލޭޔަރުންގެ ކޮމިޓްމަންޓް ވަރަށް ލިބޭ، ކޯޗުން ވެސް އެފްއޭއެމުން ވެސް. އެ މީހުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެމުން އެ ދަނީ. އުނދަގޫ ކަމަކަށް މީނީ ހަމަ އިންޑޯ ކަންތައް. އެ ނޫން ހުރިހާ ކަމެއްހެން ރަނގަޅަށް ދަނީ،"

މީގެ ކުރިން ވެސް ރާއްޖޭން ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ދުނިޔޭގެ ލެވަލްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުނުއިރު، މި ފަހަރު ރާއްޖެ ގްރޫޕްގައި މި އޮތް އަފްގާނިސްތާނާއި މިޔަންމާ އަކީ ވެސް ވަރުގަދަ ޓީމުތަކެވެ.

ޓޯޑު ބުނީ، ރާއްޖެއާ އެއް ލެވަލެއްގެ ޓީމުތަކާ ކުޅެން ނުލިބި އަބަދުވެސް ޗެލެންޖް ކުރަން ޖެހެނީ ތަންކޮޅެއް ވަރުގަދަ ޓީމުތަކާ ކަމަށެވެ.

"ރާއްޖެ އަބަދުވެސް މި ކުޅެން ޖެހެނީ އަބަދުވެސް ރާއްޖޭގެ ލެވަލް އަށް ވުރެން ތަންކޮޅެއް ހައިކޮށް، ރާއްޖޭގެ ލެވަލްގެ ޓީމުތަކާ ކުޅެން ހަމަ އެއްވެސް ވަރަކަށް ނުލިބެއޭ ބުންޏަސް ރަނގަޅުވާނެ، މިދިޔަ އަހަރުތަކުގައެއް، ހަަމަ މި އަހަރު ވެސް މި އޮތީ މި ގޮތަށް، ހަމަ ލެވަލް އިން ފައިޓްކޮށްލަން ލިބޭ ވަރަކަށް ޓީމު އިމްޕްރޫވްވަމުން ދާނީ،" ޓޯޑު ބުންޏެވެ.

އޭއެފްސީ ފުޓްސަލް ލެވަލް ވަން ކޯޗިން ލައިސަންސާއި އޭއެފްސީ ފުޓްބޯޅައިގެ ސީ ލައިސަންސް ހާސިލްކޮށްފައިވާ ޓޯޑު ވަނީ، ރިސޯޓް ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވެސް ޓޯޑު ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެެވެ.

ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗުކަމަކީ، ޓޯޑު ދެކޭގޮތުގައި، ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

"މިއީ، ދެން، ކެރިއަރުގައި ލިބުނު އެންމެ ކާމިޔާބު ކަންތައް ހަމަ، ނެޝަނަލް ޓީމެއްގައި މަސައްކަތްކޮށްލުމަކީ ހަމަ ކޮންމެ ދިވެއްސެއްގެ ވެސް އެންމެ ބޮޑު ޝަރަފަށް ކަންނޭނގެވާނީ، އެހެންވީމަ، މަށަށް ލިބުނު އެންމެ އެންމެ ބޮޑު ކާމިޔާބީ މިއީ، ދެން، ނިޔާ، ކޯޗަކީ ވެސް ވަރަށް ސީރިއަސް ސީނިޔާ ކޯޗެއް، އޭނައާ އެކު، މަސައްކަތް ކޮށްލުމަކީ އަހަންނަށް ވެސް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް އަހަރެން ބަލަނީ، ވަރަށް ހެލްޕްފުލް ރަނގަޅު ކޯޗެއް،" ޓޯޑު ބުންޏެވެ.

ގައުމީ ޓީމުގައި ހިމެނި، ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދު ޓޯޑުގެ އެބައޮތެވެ.