Advertisement

ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރަނީ ސިޔާސީ ބޭނުމެއްގައި ރާވައިގެން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

20 ސެޕްޓެންބަރު 2025 - 09:11 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު: ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރަނީ ގަސްތުގައި، ރޭވިގެން، ސިޔާސީ ބޭނުމަށް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރަނީ ސިޔާސީ ބޭނުމެއްގައި ރާވައިގެން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

20 ސެޕްޓެންބަރު 2025 - 09:11 1

މި ފަހުން ބާޒާރުގައި އާފަލާއި އޮރެންޖުގެ އަގު އުފުލުނު ހާލަތު މިސާލެއްގެ ގޮތުގައި ނަންގަވައި، ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރަނީ ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. ފެލިދޫގައި ހުންނަވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ސަރުކާރުން ނިންމުމާއެކު ލިބޭ ޑޮލަރު އިތުރުވެ، ބޭންކުތަކުން ވިޔަފާރިތަކުން މުދާ އެތެރެކުރުމަށް ދޫކުރާ ޑޮލަރު އިތުރުކޮށްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ތަކެތީގެ އަގު ދަށްވަމުންދާ ކަމަށާއި އަގުބޮޑުކުރަނީ ގަސްތުގައި ކަމަށް އެމަނިކުފާނު މިރޭ ވަނީ ތުހުމަތުކުރައްވާފަ އެވެ.

"ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ކުރުމަށް ބައެއް ކަންތައް ކުރިޔަސް ސަރުކާރުން އެ ފުރުސަތެއް ނުދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އަސާސީ ކޯބާތަކެތީގެ ގޮތުގައި ބަލައިގެން އެސްޓީއޯއިން އެތެރެ ކުރާނެ ބާވަތްތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީ އިން ނެރުނު ސަބަބަކީ އެއީ ކަމަށް އެމަނިކުފާނު މިރޭ ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކައަށްފަހު އަނެއްކާ ވެސް ވިޔަފާރިވެރިން ގަސްތުގައި ތަކެތީގެ އަގުބޮޑުކުރާ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ. އެކަންކަމަކަށެއް އަޅުގަނޑުމެން ލޯމަރާލައިގެންނެއް ހަމަ އެހެންނެއް ނުތިބޭނަމޭ،" ތަކެތީގެ އަގުބޮޑުވާ ސަބަބުގެ ގޮތުގައި ބަހަނާ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެއިތުރުން މުގާއި ބިހާއި އަލުވި ގަނޑުކޮށް އެތެރެކޮށްގެން ވިއްކަން ފަށަން އެސްޓީއޯއަށް އަންގަން އިއްޔެ ނިންމާފަ އެވެ.

މިކަން އިއުލާނުކުރައްވަމުން މުއިއްޒު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމު ކުރުމަށް ކަނޑައެޅުއްވި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

މި ނިންމުމަށް ފާޑުކީ މީހުން ވަނީ، މިއީ ފުޑް ސެކިއުރިޓީ މައްސަލައަށް ވަށައިޖެހޭ ހައްލެއް ބަދަލުގައި އަމިއްލަ ވިޔަފާރިތަކުގެ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ހޯދި ވަގުތީ ހައްލެއް ކަމަށް ބުނެފަ އެވެ.

މި މޭރުމުން ހިޔާލު ފާޅުކުރެއްވި އެކަކަކީ ވިޔަފާރިވެރިޔާ މުހައްމަދު ފިރާގެވެ. މި ނިންމުން އިއުލާންކުރައްވާ އެކްސްގައި މުއިއްޒު ލިޔުއްވި ޕޯސްޓަށް ކޮމެންޓު ކުރައްވަމުން އޭނާ ވިދާޅުވީ، ގައުމެއްގެ ފުޑް ސެކިއުރިޓީއަކީ އެ އިރެއްގައި ބޭނުންވާ ވަރަށް ކާބޯތަކެތި ލިބެން ހުރުން ނޫން ކަމަށާއި އެއީ ދުރު ރާސްތާގެ ވިލުންތެރިކަން ކަމަށެވެ.