Advertisement

ސްޓާލިން އާއި ޑިސާސީއާ މެދު ޗެލްސީން ޕްރޮފެޝަަނަލްކޮށް ކަންކަން ކުރޭތޯ ބަލަނީ

19 ސެޕްޓެންބަރު 2025 - 09:21 0


ސްޓާލިން އާއި ޑިސާސީއާ މެދު ޗެލްސީން ޕްރޮފެޝަަނަލްކޮށް ކަންކަން ކުރޭތޯ ބަލަނީ

19 ސެޕްޓެންބަރު 2025 - 09:21 0

ލަންޑަން (ސެޕްޓެމްބަރު 19) - ޗެލްސީގެ ޓީމުން އެކަހެރި ކޮށްފައިވާ އިނގިރޭސި ފޯވާޑް، ރަހީމް ސްޓާލިން އާއި ފްރާންސްގެ ޑިފެންޑަރު، އެކްސެލް ޑިސާސީއާ މެދު ޗެލްސީން ޕްރޮފެޝަނަލް މިންގަނޑުން ކަންކަން ކުރޭތޯ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ބަލަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާގައި ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވުނު ސްޓާލިން އާއި ޑިސާސީ އަށް ރަނގަޅު ޑީލެއް ނުލިބި ޗެލްސީގައި މަޑުކުރަން ޖެހުނީ އެވެ. ޗެލްސީގެ ފުރަތަމަ ޓީމާ އެކު، ޑިސާސީ އާއި ސްޓާލިން އަށް ފަރިތަކުރުމުގެ ފުރުސަތު ނުދޭއިރު، އެ ދެ ކުޅުންތެރިން ޓްރެއިނިން ކުރިއަށްގެންދަނީ ވަކިންނެވެ.

މި ވާހަކަތައް އިނގިރޭސި މީޑިއާގައި ރިޕޯޓްކުރުމާ އެކު، ޕީއެފްއޭ އިން ވަނީ ޗެލްސީއާ އެކު ރަސްމީކޮށް ވާހަކަތައް ކުރިއަށް ގެންގޮސް، ޑިސާސީ އާއި ސްޓާލިން އަށް ޕްރޮފެޝަަނަލް މިންގަނޑުގެ ތެރެއިން ހަމަޖައްސައިދޭން ޖެހޭ ކަންކަން ކުރެތޯ ބަލަން ފަށައިފަ އެވެ.


އެ ގޮތުން، ޕީއެފްއޭ އިން ވަނީ، ސްޓާލިން އާއި ޑިސާސީގެ ހައްގަކަށް އުނިކަން އަންނަ ގޮތަކަށް އަަމަލުނުކުރުމަށާއި ޓީމާ ވަކިން ފަރިތަކުރަން އަންގާފައިވާ ކުޅުންތެރިންނާ މެދު ކަންކަން ކުރަންޖެހޭ ގޮތާ މެދު ޕީއެފްއޭ އިން އެކުލަވާލައިފައިވާ ގަވާއިިދުތަކަށް ޗެލްސީން ބޯލަނބަން ޖެހޭނެކަން ހަނދާންކޮށްދީފަ އެވެ.

ޗެލްސީން ސްޓާލިން ގަތީ 2022 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް 58 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި ސްޓާލިން ލޯނަކަށް ކުޅުނީ އާސެނަލަށެވެ. މީގެ ދެ އަހަރު ކުރިން، ޗެލްސީން ޑިސާސީ ގަތީ މޮނާކޯ އަށް 55 މިލިއަން ޑޮލަރު ދީފައި، ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ މިދިޔަ ސީޒަނުގެ ފަހު ހަ މަސް ދުވަހު ކުޅެފައިވަނީ، ލޯނަކަށް އެސްޓަން ވިލާ އަށެވެ.