19 ސެޕްޓެންބަރު 2025 - 09:08 0
19 ސެޕްޓެންބަރު 2025 - 09:08 0
ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 19) - ކޯޗިން ކެރިއަރު ފެށި ބެންފީކާގެ ހެޑް ކޯޗުގެ މަގާމަށް 25 އަހަރު ފަހުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެނބުރި އަތުވެއްޖެ އެވެ.
މިދިޔަ މަހު ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިވިއިރު، ގެއްލުނީ، ކޮލިފައިންގައި ބެންފީކާ އަތުން ބަލިވުމުންނެވެ. ބެންފީކާގެ ކޯޗަކަށް އެންމެ ފަހުން ހުރި ބްރޫނޯ ލާޖް، އެ މަގާމުން ވަކިކުރީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަޒަރުބައިޖާންގެ ގަރަބަގް އަތުން ބަލިވުމުންނެވެ.
ހެޑް ކޯޗެއްގެ ގޮތުގައި މޮރީނިއޯ، ކެރިއަރު ފެށީ 2000 ވަނަ އަހަރު ބެންފީކާގައި ހުރެ އެވެ. އެއީ އެ ފަހަރު ސީޒަން ފަށައިގެން ހަތަރު ވަނަ ހަފްތާގައި، ޖަރުމަނުގެ ކޯޗު ޔުޕް ހެއިންކެސް ބެންފީކާގެ މަގާމުން ވަކިވުމުންނެވެ. އެ އަހަރު ބެންފީކާ އަށް ކޯޗުކޮށްދިނުމަށް ފަހު، މޮރީނިއޯ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ.
އަލުން ބެންފީކާއާ ހަވާލުވާން މޮރީނިއޯ މި ނިންމީ، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އޭނާ ވަނީ، ބެންފީކާ އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ކްލަބެއް ކަމަށް ބުނެފަ އެވެ.
މޮރީނިއޯ ބުނީ، 25 އަހަރު ކުރިން، ބެންފީކާ އިން އޭނާ ފެށި ކޯޗިން ކެރިއަރުގެ މަސައްކަތުގައި ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި އަބަދުވެސް ހަނދާނުގައި ހުންނަނީ، ޕޯޗުގީސް ސަގާފަތުގެ ތެރެއިން ފުޓްބޯޅައިގައި ބެންފީކާގައި ހުރެ ކުރެވުނު މަސައްކަތްތައް ކަމަށެވެ.
ދެން، ކުރިއަށް އޮތްތަނުގައި ބެންފީކާއާ އެކު މަސައްކަތްކުރާއިރު، އެ ކްލަބަކީ ކޮން ފެންވަރެއްގައި އޮތް ކިހާބޮޑު އަދި އެތަކެއް ބައެއްގެ އުންމީދުތަކެއް ގުޅިފައި އޮތް ކްލަބެއްކަން އެނގޭ ކަމަށާއި އެކަން ހާސިލްކުރަން މަސައްކަތް ކުރާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި 10 ކްލަބަކަށް އިރުޝާދުދީފަ އެެވެ. ބާސެލޯނާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި މޮރީނިއޯ، ބެންފީކާ އިން ކޯޗިން ކެރިއަރު ފެށުމަށް ފަހު، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓޯ، ރޯމާ، ފެނަބާޗޭ އަދި އުނާއީ އަށް ކޯޗުކޮށްދިނެވެ.
Comment