Advertisement

ދާދުގެ ހަތަރު ގޯލުން މޮޅުވެ ޗެމްޕިއަން މާޒިޔާ ލީގު ފެށީ ވަރުގަދަކޮށް

19 ސެޕްޓެންބަރު 2025 - 00:29 0

މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު


ދާދުގެ ހަތަރު ގޯލުން މޮޅުވެ ޗެމްޕިއަން މާޒިޔާ ލީގު ފެށީ ވަރުގަދަކޮށް

19 ސެޕްޓެންބަރު 2025 - 00:29 0

އެންމެ ފަހުން ބޭއްވި ހަތަރު ސީޒަންގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 5-1 އިން ކްލަބް އީގަލްސް އަތުން މޮޅުވެއްޖެ އެވެ.

މީގެ ތިން ދުވަސް ކުރިން، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށްޓަކައި ކުޅުނު، ޗެރިޓީ ޝީލްްޑް މެޗުން މާޒިޔާ އިން އީގަލްސް ބަލިކުރީ 2-0 އިންނެވެ. މިރޭ، ކުޅުނު މެޗުގައި، މާޒިޔާ އިން ވަނީ ރަނގަޅަށް ކޮންޓްރޯލް ނަގައިގެން މޮޅަށް ކުޅެފަ އެވެ. މާޒިޔާގެ ތަރި އަކީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ނާއިޒު ހަސަން (ދާދު) އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ މާޒިޔާ އިން ލީޑުނެގީ، ހަތަރު ވަނަ މިނިޓްގައި ދާދު ޖެހި ގޯލުންނެވެ. އޭގެ 10 މިނިޓް ފަހުން، އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަތުން ބައިކޮޅަށް ވަން ގޯލުން މާޒިޔާ އިން ލީޑުފުުޅާކުރި އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ދާދު ވަނީ އިތުރު ގޯލެއް ޖަހައިދީ މާޒިޔާ އިން ހަމަޖެހިލަން ފުރުސަތު ހޯދައިދީފަ އެވެ.


އެކަމަަކު، ތިން ގޯލުގެ ލީޑެއްލިބި މާޒިޔާ އިން މާ އާދައިގެ ގޮތަކަށް ޑިފެންސް ދޫކޮށްލައިގެން ތިބި ވަގުތެއްގައި، މެޗުގެ 29 ވަނަ މިނިޓްގައި، މާޒިޔާގެ ކުރީގެ ފޯވާޑް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ދާދު ވަނީ އިތުރު ގޯލެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އީގަލްސް އިން ދެ ވަނަ ހާފުގައި ޑިފެންސަށް އިސްކަން ދީގެން ފުރަތަމަ ހާފަށް ވުރެން ރަނގަޅު ކުޅުމެއް ދެއްކިއިރު، މާޒިޔާ އިން މި ހާފުގައި ވެސް ގޯލެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދާދު އެވެ.

ލީގުގައި މާދަމާ ހަވީރު 16:00 ގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން ބައްދަލުކުރާނެ އެވެ. އަދި، މާދަމާރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބާ ކުރިމަތިލާނީ، 21:00 ގަ އެވެ.