18 ސެޕްޓެންބަރު 2025 - 14:50 3
އަހުމަދު އާއިދު
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒު، ރައީސް މުއިއްޒު އާއެކު ---- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
18 ސެޕްޓެންބަރު 2025 - 14:50 3
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މުއާޒު މުހައްމަދު ރަޝީދު ހުންނެވިއިރު، އޭނާ ނަގާފައިވާ ލޯނެއް ދެއްކީ އެކި ގޮތް ގޮތުން ނަގުދު ފައިސާ ހޯދައިގެންކަން ހާމަވެއްޖެ އެވެ.
އަދަދު އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖެނުއަރީ، 2024، އިން ފެށިގެން ޖުލައި 24، 2024، އާ ހަމައަށް ގުޅުން އޮންނަ ފަރާތެއްގެ ބޭންކު އެކައުންޓާއި އޭޓީއެމް ޑިޕޮސިޓުގެ ގޮތުގައި މުއާޒުގެ ލޯނު އެކައުންޓަކަށް ހަތަރު މިލިއަން ރުފިޔާ ކޭޝްގެ ގޮތުގައި ޖަމާ ކުރި އެވެ.
މި މައްސަލަ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ތަހުގީގުކޮށްފަ އެވެ.
އަދަދު އަށް ލިބިފައިވާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި މުއާޒްގެ ނަމުގައި އޮތް ލޯނަކަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާ ޖަމާކޮށްފައިވަނީ އަބްދުﷲ ރިޒްވާން ކިޔާ މީހެއްގެ އެކައުންޓަށެވެ.
ޖެނުއަރީ 23، 2024، އިން ޖޫން 7، 2024، އާއި ދޭތެރޭ ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި ހުރި އޭނާގެ އެކައުންޓަށް އެކި ފަހަރުމަތިން 1،816،000ރ. ވަނީ ޖަމާކޮށްފަ އެވެ. މި ފައިސާ ކޭޝްކޮށް މާލެ ސަރަހައްދުގެ އެކި އޭޓީއެމްތަކަށް ޖަމާކުރީ ތަފާތު 34 ޓްރާންސެކްޝަނަކުންނެވެ.
އެ މުއްދަތުގެ ތެރޭ ރިޒްވާންގެ އެކައުންޓުން މުއާޒުގެ ލޯނު އެކައުންޓަށް ތަފާތު 16 ޓްރާންސްފާއެއް ކުރި އެވެ. އެ ޓްރާންސްފާތަކުގެ ޖުމްލަ އަކީ 1،798،519.81ރ. އެވެ.
މި ފައިސާގެ ތަފުސީލަށް ބޭންކުން އެދުމުން ރިޒްވާން ބުނެފައިވަނީ މިއީ ލޯނު ދެއްކުމަށް މުއާޒު އޭނާއާ ހަވާލުކުރި ފައިސާ ކަމަށެވެ. އެ ފައިސާ މުއާޒަށް ލިބުނީ "ލިންކަސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށް މުއާޒުގެ އެޕާޓްމަންޓެއް ކުއްޔަށް ދީގެން ކަމަށް ރިޒްވާން ބުނެފައިވެ އެވެ.
މުއާޒު ވެސް ބޭންކަށް މައުލޫމާތު ދިނީ ފައިސާ ލިބުނީ އެގޮތަށް ކަމަށެވެ. ފައިސާ ލިބުނީ ކޭޝްކޮށް ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. ރެނާޓަސް އިތާމުއި ގައި ހުންނަ އެ އެޕާޓްމަންޓު ކުއްޔަށް ދިން އެގްރީމެންޓު ވެސް އޭނާ ބޭންކާ ހިއްސާކުރި އެވެ. މީގެ ކުރިން 2018 ގައި މުއާޒު މި ފުލެޓު ގަތް މައްސަލަ 2019 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރި އެވެ.
މި ނޫހަށް ލިބުނު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބޭންކަށް ދިން އެގްރީމެންޓުގައި ހަ ވަނަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓު ކުއްޔަށް ދިނީ ގޯޑައުން އެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. ކުއްޔަށް ދިން ކުންފުންޏަކީ ރާއްޖެއަށް ހެވީ ވެހިކަލްސް އެތެރެކޮށް ކުއްޔަށް ދޭ ކުންފުންޏެކެވެ.
މުއާޒުގެ އެޕާޓްމަންޓު ކުއްޔަށް ދިނީ މަހަކު 15،000 ގެ މަގުން 15 އަހަރަށެވެ. އެގްރީމެންޓު ހަދާފައި 15 އަހަރަށްވާ ކުލީގެ ފައިސާ އެއް ފަހަރާ އަޕްފްރަންޓުކޮށް ދައްކަންޖެހޭ ގޮތަށެވެ.
ކުރިން ބުނި މުއްދަތުގައި ލިންކަސް ކުންފުނީގެ އެކައުންޓުތަކުން އެއްވެސް ވަރަކަށް ނަގުދު ފައިސާ ނަގާފައި ނުވާކަން ވެސް ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ދެވަނަ މީހަކު މެދުވެރި ނުވެ ވެސް މުއާޒުގެ ލޯނު އެކައުންޓަށް 2024 ގެ ޖޫން އަދި ޖުލައި މަހު ޖުމްލަ 2.3 މިލިއަން ރުފިޔާ، ކޭޝްކޮށް ޖަމާކޮށްފައިވެ އެވެ. ޖުމުލަ 41 ފަހަރު މަތިން މި ފައިސާ ޖަމާކޮށްފައިވަނީ ވެސް މާލެ ސަރަހައްދުގައި ހުރި ބީއެމްއެލްގެ އޭޓީއެމް ތަކަށެވެ.
ނިމިދިޔަ 2024 ވަނަ އަހަރު ތެރޭ މުއާޒުގެ ލޯނު އެކައުންޓަށް ޖަމާކުރި ފައިސާގެ ޖުމްލަ އަދަދު 4،908،519ރ. އަށް އަރަ އެވެ.
މިކަމާ ގުޅިގެން މުއާޒުގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅުމުން އޭނާ ވިދާޅުވީ، މިފަދަ މައްސަލައެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި ފައިސާ ލިބުނު ގޮތުގެ ތަފުސީލު ބޭންކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑު ހުންނާނެ ބޭންކުގަ އެ ހުރިހާ ތަފްސީލެއް ދީފަ. ޕްރޫފް އޮފް ފަންޑިން ދީފަ ހުންނާނެ އިނގޭތޯ،" މުއާޒު ވިދާޅުވި އެވެ.
އިތުރަށް ސުވާލުކުރުމުން މުއާޒު ވިދާޅުވީ ބޭންކަށް މައުލޫމާތު ދިން ގޮތަށް އެ ފައިސާ ލިބުނީ އޭނާގެ އެޕާޓްމަންޓު ކުއްޔަށް ދީގެން ކަމަށެވެ. ނަމަވެސް، ހުށަހެޅި އެގްރީމެންޓާއި ހިލާފަށް އެޕާޓްމަންޓު ކުއްޔަށް ދިނީ ގޯޑައުން އެއް ހިންގަން ނޫން ކަމަށާއި ދިރިއުޅެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ލޯނު ދައްކަން ފައިސާ ހޯދި އެއް ގޮތް. ކޯޓަށް މައްސަލަ ވައްދާފަ އޮންނަނީ ލޯނު އެއްކޮށް ދައްކަން. ދެން ހުރި ފައިސާ ހަމަޖެއްސީ ލޯނުން. އެ ފައިސާ އެ ފަރާތައް ބަރާބަރަށް ދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
އެ ލޯނު ނެގީ ކޮން ބައެއްގެ އަތުން ކަމެއް އަދި ކޭޝްކޮށް ފައިސާ ޖަމާކުރަމުންދިޔަ ސަބަބެއް އޭނާ ސާފުކޮށެއް ނުދެއްވަ އެވެ.
"ބޭންކް ލޯނެއްގެ ދަށުން އަޅުގަނގު ގަނެފައިވާ އެޕާޓްމަންޓުގެ ލޯނު ޑީފޮލްޓްވުމާ ގުޅިގެން ސިވިލް ކޯޓުގައި ބޭންކުން ދައުވާކޮށް ލޯނަށް އެއްފަހަރާ ފައިސާ ދެއްކުމަށް ނުވަތަ ރަހުނު ކޮށްފައިވާ އެޕާޓްމަންޓް ވިއްކާލައި ފައިސާ ހޯދުމަށް ހުށަހެޅުމުން، އެޕާޓްމަންޓް ވިއްކުމުގެ ބަދަލުގައި އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ، އަނބުރާ ދާއްކާ ގޮތަށް ފައިސާ ހޯދައި އަދި ދިގު މުއްދަތަކަށް އެޕާޓްމަންޓް ކުއްޔަށް ދިނުމަ ށްފަހު އެ ފައިސާ ބޭންކަށް ދެއްކުން ކަމަށްވާތީ، އަދި ލޯނުގެ ޖޫރިމަނާ މާފުވާން އޮތީވެސް އެގޮތުގެ މަތިންކަމަށްވާތީ، އެފަދައިން އަމަލުކޮށް ލޯނު އެކައުންޓަށް ފައިސާ ޖަމާކޮށް އެ ލިޔުންތައް ބޭންކަށް ހުށަހެޅާފައިވާނެ. އެކަން ކޮށްފައިވާނީ ބޭންކާ މަޝްވާރާކުރެވި އުސޫލުގެ ތެރެއިން. އޭގެ ފަހުން ސިވިލް ކޯޓުގެ ގަޒިއްޔާ ވެސް އެފަދައިން ނިންމާފައިވޭ،" މި ހަބަރު ޝާއިއުކުރި ފަހުން ދިން ކޮމެންޓެއްގައި އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 29, 2023 ގައި ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި މުއާޒު އެ މަގާމުން އިސްތިއުފާދެއްވީ ޑިސެމްބަރު 3، 2024 ގަ އެވެ.
"ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ދެމެހެއްޓެެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ, އަޅުގަނޑު ހުރެގެން ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެ," މުއާޒުގެ އިސްތިއުފާގެ ސިޓީގައި އެ ދުވަހު ލިޔުއްވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ. އެ ކުންފުނީގެ މެނޭޖުމަންޓުތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ވެސް ބުރޫއަރާފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޑަވެލި ދާއިރާގެ މެންބަރުކަން ކުރެއްވި މުއާޒު އަކީ ރައީސް މުހައްމަދު މުއިއްޒު އާ އެކުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެވެ. މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ކުރީ ސަފުން އޭނާ ފެނިގެންދިޔަ އެވެ.
Comment