Advertisement

މުއިއްޒުގެ ވައުދު އެމްއޭސީއެލްއިން ފުއްދައި ދެނީ ދެ އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށް!

18 ސެޕްޓެންބަރު 2025 - 11:41 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މުއިއްޒު އަދި އެމްއޭސީއެލްގެ އެމްޑީ ޝަރީފް --- ފޮޓޯ: ރައީސް އޮފީސް


މުއިއްޒުގެ ވައުދު އެމްއޭސީއެލްއިން ފުއްދައި ދެނީ ދެ އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށް!

18 ސެޕްޓެންބަރު 2025 - 11:41 2

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރެއިން 63 ރަށެއްގައި، އެމްއޭސީއެލްއިން އަގުބޮޑުކޮށް ފިޓްނަސް ސެންޓަރު ހަދަނީ އެ ފައިސާ ސަރުކާރުން އަނބުރާ ދައްކާ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ މި މަޝްރޫއު ހަވާލުކުރީ ދައުލަތުގެ މާލީ ހާލަތު ގޯސްވެ، މަޝްރޫއުތައް ކުރިއަށް ނުގެންދެވި ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުމާއި އިދިކޮޅު ފަރާތްތަކުުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މި މަޝްރޫއު އަށް އެމްއޭސީއެލް އިން 327 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ ކޮންމެ ސެންޓަރަކަށް 5.2 މިލިއަން ރުފިޔާ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ ފިޓްނަސް ސެންޓަރުތައް އެޅުމަށް އެ ކުންފުނިން ހަރަދުކުރާ ފައިސާ ސަރުކާރުން ދެ އަހަރު ތެރޭގައި ދައްކަން އެއްބަސްވެފައިވާ ކަމަށެވެ.

"މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި، ފައިސާ އަނބުރާ ދައްކާ ގޮތަށް،" އޭނާ ވިދޅާުވި އެވެ.

ރަށްރަށުގައި ފިޓްނަސް ސެންޓަރު އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ ޖުލައި 19، 2025 ގަ އެވެ. އެއީ މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތައް ފެއްޓެވުމުގެ ކުރިންނެވެ. މުއިއްޒުގެ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ގެންދަވަނީ މި ސެންޓަރުތަކުގެ ބިންގާ އަޅުއްވަމުންނެވެ.

ނަމަވެސް އެ މަޝްރޫއުގައި ސޮއިކުރި އިރު އެ މަސައްކަތަށް ހިނގާނެ ހަރަދާއި ފަރުމާ އާއި މަސައްކަތް ނިންމަން ދިން މުއްދަތު ފަދަ މުހިންމު މައުލޫމާތެއް ހާމަނުކުރެ އެވެ.

އެމްއޭސީއެލްއަކީ އެއާޕޯޓު ހިންގާ ކުންފުންޏަށް ވާތީ، މަސައްކަތުގެ ދާއިރާއިން ބޭރުން ޕްރޮޖެކްޓަކާ ހަވާލުވުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން އެމްއޭސީއެލްއިން ވަނީ ފައިނު އެއާޕޯޓާއި މަތިވެރި އެއާޕޯޓާއި މަކުނުދޫ އެއާޕޯޓު ތަރައްގީކޮށް، ހިންގުމުގެ މަސައްކަތާ ވެސް ހަވާލުވެފަ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓު ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.

އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅު ނަމަވެސް، އެ ކުންފުންޏަކީ ސްޓެރެޓަޖިކް މަގުސަދެއްގައި އުފައްދާފައިވާ މުޅި އިގުތިސޯދަށް ވަރަށް މުހިންމު ކުންފުންޏެކެވެ. ދައުލަތަށް ވަންނަ ޑޮލަރު އާމްދަނީ އާއި އެންމެ މުހިންމު ސިނާއަތް ކަމުގައިވާ ޓޫރިޒަމުގެ މައި ދޮރާށްޓަކީ އެމްއޭސީއެލްއިން ބަލަހައްޓާ ވެލާނާ އެއާޕޯޓެވެ.