18 ސެޕްޓެންބަރު 2025 - 13:40 9
އަހުމަދު އާއިދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު ސިނގިރޭޓު ޑިއުޓީ ކުޑަކޮށް ވޭޕް ބޭން އުވާލާނެ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
18 ސެޕްޓެންބަރު 2025 - 13:40 9
ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އިން އަނެއްކާވެސް ވެރިކަމަށް އައިސް ރައީސް މުހައްމަދު މުއިއްޒު ގާނޫނުތަކަށް ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް އުވާލާނެ ކަމަށެވެ.
އެގޮތުން، އެންމެ ފުރަތަމަ އުވާލާނީ މިހާރު ފާސްކޮށްފައި އޮތް މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކަމަށާއި ސިނގިރޭޓު ޑިއުޓީ އަދި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތައް އުވާލާނެ ކަމަށް ވެސް ރޭ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް. އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް [ބޭން]. މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއި އެއްކޮށް ބަދަލުކުރާނެ ކަންކަން ކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ" ފައްޔާޒު ވިދާޅުވި އެވެ.
ގާނޫނުތަކާއި ގެނައި ބަދަލުތައް އުވާލުމުގެ އިތުރުން ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި ބަދަލުތައް އުވާލައި، މިފަދަ ވެރިކަމެއް ދެން އަޔަސް އެހާ ފަސޭހައިން ގާނޫނުއަސާސީ ބަދަލުނުކުރެވޭ ވަރަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އިސްލާހުތައް ގެންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ވޭޕް މަނާ ކުރުމާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު ކުރި ނަމަވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދިވެހި ޒުވާނުންގެ މެދުގައި ދުންފަތުގެ މައްސަލަ ބޮޑު ކަމަށް ދިރާސާތަކުން ވެސް ދައްކައިފި އެވެ.
އުމުރުން 16 އަހަރާއި 20 އަހަރުގެ 200 ޒުވާނުންނާ ސުވާލު ކުރުމަށްފަހު ޔުނިސެފުން ޝާއިއު ކުރި އެ ސަވޭ އިން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރާ މާހައުލުތަކަށް ޒުވާނުން ހުށަހެޅޭ މިންވަރު އަދިވެސް އުޅެނީ ވަރަށް މަތީގަ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment