Advertisement

މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލު މުއިއްޒު ދިފާއު ކުރައްވައިފި

17 ސެޕްޓެންބަރު 2025 - 16:25 5

މުއިއްޒު މިއަދު ޕޮޑްކާސްޓުގައި: ބިލު ތަސްދީގު ނުކުރުމަށް ވަރަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން -- ފޮޓޯ: ރައީސް އޮފީސް


މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލު މުއިއްޒު ދިފާއު ކުރައްވައިފި

17 ސެޕްޓެންބަރު 2025 - 16:25 5

މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ބިލު ރައީސް މުހަައްމަދު މުއިއްޒު ދިފާއު ކުރައްވައިފި އެވެ.

މިއަދު ޝާއިއު ކުރި މުއިއްޒުގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އެ ބިލު ސިފަ ކުރެއްވީ "ހިތަށް އަންނަހާ އެއްޗެއް" ލިޔުން މަނާ ކުރާނެ ބިލެއްގެ ގޮތުގަ އެވެ.

"ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ހަގީގަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށް ވީތީ ވެސް ކުރެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަން އަދި އިންޓަނެޓުގައި ފާޅު ކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. އެ ބިލު ތަސްދީގު ނުކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ.

"މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ވީ ވައުދު ދަމަހައްޓާ މި ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒު އަށް ގޮވާލަން،" ސީޕީޖޭ އިން ބުނެފައިވެ އެވެ.

އެ ބިލު ފާސް ކުރުމާއެކު، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވެސް ވަނީ ކުރު ބަޔާނެއް ނެރެފަ އެވެ. އެމެރިކާއިން ދިވެހި ސަރުކާރަށް ގޮވާލީ ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިނުގަތުމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެމްބަސީއިން ބުނެފައިވެ އެވެ.

މިނިވަން ހިޔާލާއި ފިކުރުގައި ތަޅު އަޅުވާ ބިލު ފާސް ކުރީ ނޫސްވެރިންނާއި އާންމުންގެ ވަރަސް ގިނަ ބަޔަކު މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މުޒާހަރާގެ ތެރެއިން އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހައްޔަރު ކުރި އެވެ. ލީވާން ދޫކޮށްލީ އޭނާ ހައްޔަރުކޮށްފައި ހުރި ތަނެއް ނުބުނެ ގަޑިއިރުތަކެއް ފާއިތުވި ފަހުންނެވެ.