Advertisement

ލަންކާ ނޫސްވެރިން ވެސް ގޮވާލީ މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލު ތަސްދީގު ނުކުރަން

17 ސެޕްޓެންބަރު 2025 - 15:54 1

ލަންކާގައި މިއަދު ކުރި މުޒާހަރާ: ބިލު ފާސް ކުރުމުން އެމެރިކާއިން ވެސް ވަނީ ކުރު ބަޔާނެއް ނެރެފައި -- ފޮޓޯ: މޫސާ ރަޝީދު


ލަންކާ ނޫސްވެރިން ވެސް ގޮވާލީ މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލު ތަސްދީގު ނުކުރަން

17 ސެޕްޓެންބަރު 2025 - 15:54 1

މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ބިލު ތަސްދީގު ނުކުރަން ސްރީ ލަންކާގެ ވެރި ރަށް ކޮލޮމްބޯގައި ކުރި މުޒާހަރާއެއްގައި އެ ގައުމުގެ ނޫސްވެރިން ވެސް ގޮވާލައިފި އެވެ.

ލަންކާ ނޫސްވެރިން މުޒާހަރާ ކުރީ އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގަ އެވެ. އެ އެއްވުމުގައި ގާތްގަނޑަކަށް 20 ނޫސްވެރިއަކު ބައިވެރިވި އެވެ. އެ ހަރަކާތުގައި ބައިވެރިވި ނޫސްވެރިން ވަނީ ބިލު ތަސްދީގު ނުކުރަން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑުމެން މި ގޮވާލަނީ އިއްޔެ ފާސް ކުރި މީޑިއާ ބިލު ތަސްދީގު ނުކުރެއްވުމަށް. އެ ބިލުން މީޑިއާއަށް ލިބިދޭ މިނިވަންކަން ގެއްލިގެންދާނެ. އަޅުގަނޑުމެންގެ އެދުމަކީ އެ ބިލު އަނބުރާ ފޮނުވައިލުން،" އެއްވުމުގައި ބައިވެރިވި ނޫސްވެރިއެއް ކަމަށްވާ އަރޯޝާ ފެނާންޑޯ ބުންޏެވެ.

މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަން އަދި އިންޓަނެޓުގައި ފާޅު ކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. އެ ބިލު ތަސްދީގު ނުކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ.

"މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ވީ ވައުދު ދަމަހައްޓާ މި ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒު އަށް ގޮވާލަން،" ސީޕީޖޭ އިން ބުނެފައިވެ އެވެ.

އެ ބިލު ފާސް ކުރުމާއެކު، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވެސް ވަނީ ކުރު ބަޔާނެއް ނެރެފަ އެވެ. އެމެރިކާއިން ދިވެހި ސަރުކާރަށް ގޮވާލީ ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިނުގަތުމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެމްބަސީއިން ބުނެފައިވެ އެވެ.

މިނިވަން ހިޔާލާއި ފިކުރުގައި ތަޅު އަޅުވާ ބިލު ފާސް ކުރީ ނޫސްވެރިންނާއި އާންމުންގެ ވަރަސް ގިނަ ބަޔަކު މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މުޒާހަރާގެ ތެރެއިން އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހައްޔަރު ކުރި އެވެ. ލީވާން ދޫކޮށްލީ އޭނާ ހައްޔަރުކޮށްފައި ހުރި ތަނެއް ނުބުނެ ގަޑިއިރުތަކެއް ފާއިތުވި ފަހުންނެވެ.

އިއްޔެގެ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ އެކަށީގެންނުވާ އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް އެތަނަށް ދިޔަ ނޫސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ފުލުހުން އިއްޔެ އެންމެ ގިނައިން ކުރި ކަމަކީ ހަށިގަނޑުގެ އެކި ތަންތަނުގައި ވިކުން ކަމަށް ނޫސްވެރިން ބުންޏެވެ.