7 އޮކްޓޯބަރު 2025 - 21:31 0
އަހުމަދު އާއިދު
ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި ޒަމްއަތު، ސަގީފް، ސިމާހާ (ކ-ވ) ----
7 އޮކްޓޯބަރު 2025 - 21:31 0
މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފުރުސަތުގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމާއެކު ވޯޓަކާއި ނުލާ ހަތަރު މެންބަރަކު އިންތިހާބުވެއްޖެ އެވެ.
ކޮންޓްރޯލް ކޮމިޝަނަށް މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި މުއްދަތު ހަމަވީ އޮކްޓޯބަރު 4، އަށެވެ. މުއްދަތު ހަމަވިއިރު ރު ފޯމު ހުށަހެޅީ އެންމެ ހަ މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، ދެ މީހެއްގެ ކެންޑިޑެންސީ ބަލައިގަނެފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އިންތިހާބުކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލުމުން، ވޯޓަކާއި ނުލާ އެ މީހުން އިންތިހާބުވެފައިވާ ކަމަށެވެ.
އައު ގާނޫނުގެ ތެރެއިން އެކުލަވާލި ކޮމިޝަނުގައި ހިމެނެނީ ހަތް މެންބަރުންނެވެ. ވޯޓަކަށް ނުގޮސް ހޮވުނީ މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. އަނެއް ތިން މެންބަރުން އައްޔަންކުރާނީ މަޖިލީހުންނެވެ.
އޮންލައިން ކެޓަގަރީ
ބްރޯޑްކާސްޓިން ކެޓަގަރީ
މި މެންބަރުންގެ ތެރެއިން ސަގީފް އަކީ އައު ގާނޫނާއެކު އުވާލީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އެވެ. ޒަމްއަތު އޭރު ހުންނެވީ އުވާލި ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގަ އެވެ.
ސަގީފް، ޒަމްއަތު، އަދި ސިމާހާ އަކީ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތިން މީހުންނެވެ.
މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން ގިނަ މީޑިއާތަކުން ބަލައެއް ނުގަނެ އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވެސް މީޑިއާތަކުގެ ޝައުގުވެރިކަން ނެތެވެ.
މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށްދަނީ ވަރަށް ވާދަވެރިކަމާއެކުގައިކަން ފާހަގަކުރެވެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
Comment