4 އޮކްޓޯބަރު 2025 - 22:08 3
ލީވާން އަލީ ނާސިރު
4 އޮކްޓޯބަރު 2025 - 22:08 3
މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނަށް ތަރުހީބު ނުލިބުނުއިރު، އެ ކޮމިޝަނަށް ކުރިމަތިލެއްވި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ސަގީފްގެ ކެންޑިޑެންސީ ބާތިލުކޮށްފި އެވެ.
ކޮންޓްރޯލް ކޮމިޝަނަށް މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި މުއްދަތު މިއަދު މެންދުރު 2:00 ޖެހިއިރު ހަމަވިއިރު ފޯމު ހުށަހެޅީ އެންމެ ހަ މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، ދެ މީހެއްގެ ކެންޑިޑެންސީ ބަލައިގަނެފައެއް ނުވެ އެވެ.
ކޮމިޝަނަށް އެހެނިހެން މީޑިއާ ތަމްސީލްކުރާ ދެ މެންބަރުން އިންތިހާބުކުރަން ޖެހޭއިރު، އެ މަގާމަށް ކުރިމަތިލީ ވެސް އެންމެ ދެ މީހުންނެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެހެނިހެން މީޑިއާ ތަމްސީލްކުރާ ދެ މަގާމަށް ކުރިމަތިލެއްވީ ސިމާހާ ނަސީމް އަދި ސަގީފް އެވެ. އެކަމަކު ސަގީފްގެ ކެންޑިޑެންސީ ވަނީ ޝަރުތު ހަމަނުވާ ކަމަށް ބުނެ ބާތިލުކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކެންޑިޑެންސީ ބަލައިނުގަތީ ދެ ނޫހެއްގެ އެޑިޓަރުގެ މަގާމުގައި ހުރި ކަމަށް ބުނެ އެވެ.
ކޮންޓްރޯލް ކޮމިޝަނުން ބުނާ ގޮތުގައި އިންތިގާލީ މަރުހަލާގައި މިވަގުތު އެތަން އޮތުމުން، އެޑިޓަރުކަމުގެ އިސްތިއުފާ ގަބޫލުނުކުރެވި އޮތް ކަމަށެވެ. އަދި އެޑިޓަރުގެ މަގާމުގައި ހުރުމުން ކެންޑިޑެންސީ ގަބޫލުކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަން ވަނީ އެނގިފަ އެވެ.
ކޮންޓްރޯލް ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލްކުރާ މެންބަރުންގެ މަގާމަށް ހަތަރު މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފަ އެވެ.
ނަމަވެސް ބްރޯޑްކާސްޓިން ބައިން ކެންޑިޑެންސީ ގަބޫލުކުރި ތިން މީހުންގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިޔުމުން، އިންތިހާބަކާ ނުލާ އެ ދެ މަގާމަށް މެންބަރުން ވަނީ އިންތިހާބުވެފަ އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން ގިނަ މީޑިއާތަކުން ބަލައެއް ނުގަނެ އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވެސް މީޑިއާތަކުގެ ޝައުގުވެރިކަން ނެތެވެ.
މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށްދަނީ ވަރަށް ވާދަވެރިކަމާއެކުގައިކަން ފާހަގަކުރެވެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
Comment