Advertisement

ގިނަ ހައްގުތަކެއް ހިފެހެއްޓޭ ގޮތަށް އޮތް ގޭންގު ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގަވާއިދު ހަދައިފި

17 ސެޕްޓެންބަރު 2025 - 13:40 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުހުން ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއްގެ ތެރެއިން --- ފޮޓޯ: އަދަދު ފައިލް


ގިނަ ހައްގުތަކެއް ހިފެހެއްޓޭ ގޮތަށް އޮތް ގޭންގު ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގަވާއިދު ހަދައިފި

17 ސެޕްޓެންބަރު 2025 - 13:40 0

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ފާސްކުރި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ތަންފީޒު ކުރުމުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފި އެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށީ އޮގަސްޓު 25، ގަ އެވެ. އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ވަނީ ކޮންޓްރޯލްޑް ޑެލިވަރީ އާއި ސިއްރު އޮޕަރޭޝަންތަކަށް ހުއްދަ ދިނުމާއި، ހިންގުމާއި، ވަކީލަކާ މުއާމަލާތް ކުރުމުގެ ހައްގު ހިފެހެއްޓޭނެ ހާލަތްތަކާއި، ދައުލަތަށް މުއާ ނެގުމާއި އެ މުދަލަށް އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ.

އެ ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހުންނަށް 48 ގަޑިއިރު ވަންދެން ވަކީލަކާ އެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތް ކުރުމުގެ ހައްގު ހިފެހެއްޓޭނީ އެ މީހަކު ގާނޫނީ ވަކީލަކާ އެކަހެރިކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ދީފިނަމަ؛

  • މީހަކަށް އިންޒާރު ދީފާނެ ކަމަށް އެކަށީގެންވާ ސަބަބުތަކެއް ހުރެގެން
  • ކުށުގެ ހެކި ނައްތައިލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ގަބޫލުކުރެވުން
  • އިންތިޒާމުވެގެން ހިންގާ ކުށުގެ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރެވުން
  • މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެ ކަމަށް ގަބޫލުކުރެވުން
  • ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލުކުރެވުން

މި ހުރިހާ ހާލަތެއްގައި ވެސް ދޫކޮށްފައި އޮތީ ފުލުހުންނަށް ފެންނަ އެކަށީގެންވާ ސަބަބުތަކެއް ފެނުމުގެ މައްޗަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުން މީހަކު މަހުރޫމް ކުރުމަށް ފުލުހުންނަށް ވަރަށް ފަސޭހަވާނެ އެވެ.

އެ ހައްގު ހިފެހެއްޓޭނީ ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރުންނަށެވެ. އެ 48 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރާ މީހާއާ ކުށާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގައި ނުވަތަ ތަހުގީގުގައި ސުވާލު ކުރުމުގެ އެއްވެސް މަރުހަލާއެއް ކުރިއަށްގެންދާނަމަ ވަކީލާ އެކަހެރިކޮށް ބަދަލުކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

އެ ގާނޫނުގެ ދަށުން ދައުލަތަށް ނަގާ ފައިސާ އާއި މުދަލާ މެދު އަމަލުކުރާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅާ ކޮމިޓީގައި އެ މިނިސްޓްރީ އާއި ފުލުހުންނާއި، މީރާ، ކަސްޓަމްސް އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަނޑައަޅާ މެންބަރުން ތިބެން ޖެހެ އެވެ. އެ ކޮމިޓީން 10 ދުވަހުގެ ތެރޭގައި މުދަލާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ޖެހެ އެވެ.

ފުލުހުންނަށް އެ ގާނޫނުން ލިބޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެ އެވެ.

އެގޮތުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.