Advertisement

އާސެނަލަށް ކާމިޔާބު ފެށުމެއް، އެމްބާޕޭގެ ދެ ޕެނަލްޓީން ރެއާލަށް މޮޅެއް

17 ސެޕްޓެންބަރު 2025 - 08:41 0


އާސެނަލަށް ކާމިޔާބު ފެށުމެއް، އެމްބާޕޭގެ ދެ ޕެނަލްޓީން ރެއާލަށް މޮޅެއް

17 ސެޕްޓެންބަރު 2025 - 08:41 0

މެޑްރިޑް (ސެޕްޓެމްބަރު 17) - ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން 2-0 އިން މޮޅުވިއިރު، ރެއާލް މެޑްރިޑުން ކީލިއަން އެމްބާޕޭގެ ދެ ޕެނަލްޓީން ފަހަތުން އަރައި 2-1 އިން މާސޭގެ މައްޗަށް ކުރިހޯދައިފި އެވެ.

ރަށުންބޭރުގައި އާސެނަލުން ކުޅުނު މެޗުގައި ބިލްބާއޯގެ އެޓޭކްތައް ހިފެހެއްޓުމުގައި އާސެނަލް ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލީ ބަދަލަކަށް ކުޅެން އެރި ކުޅުންތެރިންނެވެ. އެ ގޮތުން، 72 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުންނެެވެ. ދެ ވަނަ ގޯލުގައި ވެސް މި ކޮމްބިނޭޝަން ފެނުނުއިރު، 87 ވަނަ މިނިޓްގައި ޓްރޮސާޑް ލަނޑު ޖެހީ މާޓިނެލީ ދިން ބޯޅައަކުންނެވެ. ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ ބަދަލަކަށެެވެ.

ރެއާލް ދަނޑުގައި އެ ޓީމު މެޗު ފަށަން ޖެހުނީ ވެސް އުނދަގޫ ކޮށެވެ. ފަލަމަސްގަނޑަށް އަނިޔާވެގެން، ތިން ވަނަ މިނިޓްގައި ރެއާލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލަކަށް ކުޅެން އެރި ޑަނީ ކާވަހާލް އަށް 72 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކި އެވެ. އޭރު މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ.


މެޗުގައި ރެއާލް ކައިރިން މާސޭ އަށް 22 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ، ޓިމޮތީ ވެއާ އެވެ. މިއީ، އެ ޓީމުގެ މޭސަން ގްރީންވުޑްއާ ކުރި އެޓޭކެއްގައި ލިބުނު ބޯޅައަކުން ވެއާ ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް އެއްވަރުކޮށްދީފަ އެވެ. އެމްބާޕޭ މި ލަނޑު ޖެހީ މާސޭގެ ޖެފްރޭ ކޮންޑޮގްބިއާ އޭރިއާތެރެއިން ރޮޑްރީގޯ އަށް ފައުލުކުރުމުންނެވެ.

މާސޭ އަށް އަލުން ލީޑުނަގައިދޭން ޕިއޭ އެމެރިިކް އޮބާމަޔަން އަށް ދެ ފަހަރެއްގެ މަތިން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ރެއާލްގެ ކާވަހާލް އަށް ރަތެއް ދައްކައި އެއް ކުޅުންތެރިއަކު މަދުވި ކަމުގައި ވިޔަސް، ކެނޑިނޭޅި އެޓޭކްކޮށް، އެ ޓީމުން މޮޅުވި އެވެ. އެ ގޮތުން، މޮޅުވި ލަނޑު ޖެހީ، 81 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެމްބާޕޭ އެވެ. މިއީ، ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އޭރިއާތެރެއިން، ފަކުންޑޯ މެޑީނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން ވިޔަރެއާލް ބަލިކުރި އެވެ. ޔުވެންޓަސް އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވިއިރު، ގަރަބަގް ވަނީ 3-2 އިން ބެންފީކާ ބަލިކޮށްފަ އެވެ.