Advertisement

ރާއްޖެ އަށް ވެސް ފުރުސަތު ދޭ ސާފް ސުޕަ ކަޕަށް ލަންކާ އިން ބޫޓާނަށް ވެސް ދައުވަތު ފޮނުވައިފި

22 ޖުލައި 2025 - 11:11 0

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރާއްޖެ އަށް ވެސް ފުރުސަތު ދޭ ސާފް ސުޕަ ކަޕަށް ލަންކާ އިން ބޫޓާނަށް ވެސް ދައުވަތު ފޮނުވައިފި

22 ޖުލައި 2025 - 11:11 0

މި އަހަރު ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން، ސާފްގެ ގައުމުތަކަށް ހާއްސަކޮށް ސްރީ ލަންކާގައި ބާއްވަން ނިންމާފައި އޮތް ސާފް ސުޕަ ކަޕް މުބާރާތުގައި ވާދަކުރަން ބޫޓާނަށް ވެސް ދައުވަތު ފޮނުވައިފި އެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ސެޕްޓެމްބަރު މަހު 1-9 އަށް، "ސުޕަ ކަޕް ފޯ ނޭޝަން ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި، މުބާރާތެއް ކުރިއަށްގެންދާއިރު ވަކި ޓީމުތަކަށް ދައުވަތު ފޮނުވާށެވެ.

އެކަމަކު، ފަހުން ލަންކާ އިން ވިސްނުން ބަދަލުކޮށް، ރާއްޖެ އާއި ބަންގްލަދޭޝް އަދި ބޫޓާނާއި ޕާކިސްތާނަށް ދައުވަތު ފޮނުވިއިރު، އިންޑިއާ އާއި ނޭޕާލަށް ދައުވަތު ނުފޮނުވަ އެވެ. އިންޑިއާ އިން އެ މުއްދަތުތެރޭގައި މުބާރާތެއްގައި ކުޅެވެން ނެތްކަން ކުރިން ލަންކާއާ ހިއްސާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައި އޮތީ، ބަންގްލަދޭޝް، ރާއްޖެ، ބޫޓާން އަދި ޕާކިސްތާންގެ ތެރެއިން އެންމެ ފުރަތަމަ ދައުވަތު ގަބޫލުކޮށް، އެކަން އަންގާ ތިން ގައުމަކަށް ސުޕަ ކަޕް އިން ފުރުސަތު ދިނުމަށެވެ.

ފުޓްބޯޅައިގެ ކަންކަން ސްރީ ލަންކާގައި ފޯރިގަދަ ކުރުމުގެ ވިސްނުމުގައި އެ ގައުމުން ބައިނަލްއަގުވާމީ މުބާރާތްތަކުގެ މަސައްކަތް، އާ ފެށުމަކުން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ގޮތުން، ލަންކާ އިން 2021 ވަނަ އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕް ކުރިއަށްގެންދިޔައީ، ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝްގެ އިތުރުން ސީޝެލްސް އަށް ދައުވަތު ދީގެންނެވެ. އަދި، މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި މުބާރާތުގައި ލަންކާގެ އިތުރުން ކުޅެފައިވަނީ، ބޫޓާނާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ޕަޕުއާ ނިއު ގިނީ އެވެ.

ލަންކާ އިން މި ފަހަރުގެ މުބާރާތް ސާފް އަށް ހާއްސަ ކުރަން ނިންމީ، މިއީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމި އަހަރު ކަމަށްވެފައި، އެ ގައުމުގައި ސާފް ހޯސްޓްކުރުމުގެ މަސައްކަތް ކުރެވިފައިވާއިރު، އެ ކަމަށް ބާރު އެޅުުމުގެ ގޮތުން ފުޓްބޯޅަ ފޯރި އާލާ ކުރުމަށެވެ.

ސާފް ސުޕަ ކަޕްގެ ސަބަބުން، އޭޝިއަން ކަޕް ކޮލިފައިންގައި ނަތީޖާ ރަނގަޅުކުރަން ވެސް ހިތްވަރު ލިބޭނެ ކަމަށް ސްރީ ލަންކާ އިން ދެކެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، މޮޅުވީ ލަންކާ އެކަންޏެވެ. ޗައިނީސް ޓައިޕޭ އަތުން 3-1 އިން ލަންކާ މޮޅުވިއިރު، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 1-0 އިންނެވެ. ބްރުނާއީ އަތުން 2-1 ބޫޓާން ބަލިވިއިރު، ސިންގަޕޫރު އަތުން ބަންގްލަދޭޝް ބަލިވީ 2-1 އިންނެވެ. ހޮންގް ކޮންްގް އަތުން އިންޑިއާ 1-0 އިން ބަލިވިއިރު، މިޔަންމާ އަތުން 1-0 އިން ޕާކިސްތާން ވަނީ ބަލިވެފަ އެވެ. އަދި، ލާއޯސް އަތުން ނޭޕާލް ވަނީ 2-1 އިން ބަލިވެފަ އެވެ.