Advertisement

އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަނިޔާވެރިކޮށް ހައްޔަރުކޮށްފި

16 ސެޕްޓެންބަރު 2025 - 16:45 0

އަދަދު އަށް ލިބުނު މީޑިއާ އެވޯޑެއް ހިފައިން ލީވާން: އޭނާ ހައްޔަރު ކުރިކަން ހާމަ ކުރަން ފުލުހުން ދެކޮޅު ހެދި -- ފޮޓޯ: އަދަދު ފައިލް


އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަނިޔާވެރިކޮށް ހައްޔަރުކޮށްފި

16 ސެޕްޓެންބަރު 2025 - 16:45 0

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި އެވެ.

މުޒާހަރާގެ ތެރެއިން ލީވާން ގެއްލިގެން ފުލުހުން ކައިރީ އެހުމުން އޭނާ ހައްޔަރު ކުރިކަން ހާމަ ކުރަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު އޭނާ ހައްޔަރު ކުރިކަން މި ނޫހަށް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރުގެ ވީޑިއޯއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. އެއިން ފެންނަނީ ތިން ފުލުހަކު ވެގެން ލީވާން އަނިޔާވެރިކޮށް ގެންދާ މަންޒަރެވެ.

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.

ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.

އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.