Advertisement

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ދޯހާ ސަމިޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން

16 ސެޕްޓެންބަރު 2025 - 09:40 6

ދޯހާގައި ބޭއްވި ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ ވެރިން. -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ދޯހާ ސަމިޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން

16 ސެޕްޓެންބަރު 2025 - 09:40 6

އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ގަތަރުގެ ދޯހާއަށް ޖަމާވެ، އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރުމަށް ފަހު، ކުއްލި ސަމިޓު ނިންމާލުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސަމިޓު ހިނގަމުން ދިޔަ ވަގުތު ވެސް އިޒްރޭލުގެ ޔަހޫދީން ދިޔައީ މެދުނުކެނޑި ފަލަސްތީނުގެ ގާޒާއަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ބޮމާއި އާޓިލެރީ އާއި ޑްރޯން ހަމަލާތައް ދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ ބަޔަކު ބުނީ ކުއްލި އަރަބި އިސްލާމީ ސަމިޓު ނިންމުމަށް ފަހު ނެރުނު ގަރާރުގައި އެއްވެސް ސީރިއަސްކަމެއް ނެތް ކަމަށެވެ.

އެ ސަމިޓު ބޭއްވީ އިޒްރޭލުން ގަތަރަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ނަމަވެސް ގަރާރުގައި އެކަމުގެ ނުރުހުން ވެސް ރަނގަޅަށް ފާހަގަކޮށްފައި ނުވާ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ބުނެފައިވެ އެވެ.

އެކްސްގައި ޕޯސްޓުކުރި ގިނަ ބަޔަކު ބުނީ އެއީ ބަލިކަށި އަދި މާޔޫސްކުރުވަނިވި ގަރާރެއް ކަމަށާއި އިޒްރޭލާ ދެކޮޅަށް އެއަށްވުރެ ހަރުދަނާ އަދި ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ގައުމުތަކުގެ ވެރިން އަމަލުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ބަޔާންތައް ނެރިގެން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ނުރުހުންފާޅުކޮށްފައި ވެ އެވެ.

ގަރާރުގައި އިޒްރޭލުގެ "ފިނޑި" ހަމަލާކުށްވެރި ކުރުމަށް ފަހު ބުނެފައި ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައުމުތަކުގެ ދިފާއީ ނިޒާމް ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.

ޖީސީސީގައި ހިމެނޭ ގައުމުތަކަކީ ބަހްރެއިން، ކުވެއިތް، އޮމާން، ގަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީ އެވެ. ދިފާއީ ނިޒާމް ހަރަކާތްތެރިވާނެ ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން އިޒްރޭލާ ދެކޮޅަށް ވަގުތުން ވަގުތަށް އަޅާނެ އެއްވެސް ސިޔާސީ އަދި އިގުތިސާދީ ފިޔަވަޅެއް ގައުމުތަކުން ކަނޑައަޅާފައެއް ނުވެ އެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން އިޒްރޭލާ ދެކޮޅަށް ހަރުދަނާ މަސައްކަތެއް ކުރަން ނުކުޅެދިފައިވާ އިރު، މި ސަމިޓުގައި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވެސް، އެހެން ގައުމުތަކުގެ ވެރިން ފަދައިން، އިޒްރޭލް ކުށްވެރިކޮށް، ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލެއްވި އެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި، ކުޑަކުދިން ހިމެނޭ ގޮތަށް، ފަލަސްތީނުގެ 64،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.