Advertisement

މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރާ ޖަލްސާގެ އެޖެންޑާ އާއި ގަޑި މެންބަރުންނަށް އަދިވެސް ނާންގާ

16 ސެޕްޓެންބަރު 2025 - 07:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މާލަމުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ


މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރާ ޖަލްސާގެ އެޖެންޑާ އާއި ގަޑި މެންބަރުންނަށް އަދިވެސް ނާންގާ

16 ސެޕްޓެންބަރު 2025 - 07:36 0

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރަން މިއަދު ނިންމާފައި ވާއިރު، އެ ޖަލްސާގެ އެޖެންޑާ އާއި ގަޑި އަދިވެސް މެންބަރުންނަށް ނާންގާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި ޒިޔާދު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުންނަށް ލިބިފައި ނެތް ކަމަށެވެ.

"މިއީ ބާއްވާ ހޮޅުއަށި ބައްދަލުވުމެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. ނަމަވެސް އަދިވެސް މެންބަރުންނަށް ނާންގާ މަޖިލީހުގެ ޖަލްސާ ފަށާ ގަޑިއެއް، އަދި އެޖެންޑާގައި އޮތީ ކޮން ކަމެއް ކަމެއް ވެސް،" ޒިޔާދު ވިދާޅުވި އެވެ.

"އަމީންއާންމުއާ ސުވާލުކުރުމުން ވިދާޅުވި ޖަލްސާ އޮންނާނޭ. އެކަމަކު ގަޑިއެއް އެޖެންޑާއެއް އަދިވެސް ނޭނގޭ."

މިނިވަން މީޑިއާ ނެތިކޮށްލާ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް، ބިލް ދިފާއުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރުންނެވެ.

ނޫސްވެރިންނާއި އާންމުން ކޮމިޓީ އަށް ނުވައްދައި މި ބިލް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީ އަޑުއަހަން ބޭނުންވާ މީހުން ވެއްދުމަކީ މަޖިލީހުގެ ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބިލް ކޮމިޓީން ފާސްކުރީ އަޑުއަހަން ގޮސްތިބި ނޫސްވެރިންނާއި އާންމުން ކޮމިޓީއަށް ނުވައްދައި ސިއްރިޔާތުގަ އެވެ.

ކޮމިޓީން ބިލް ފާސްކުރުމުގެ ބައްދަލުވުން ބޭއްވީ ވެސް، ބިލްގެ އިސްލާހުތައް ހުށަހެޅުމަށް ބޭއްވި ކޮމިޓީ ރޫމުގައެއް ނޫނެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ބިލް ކުރިއަށް ގެންދިޔައިރު ނޫސްވެރިންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަށް ރިޔާއަތް ކުރުމެއް ނެތި ބިލް ފާސްކުރަން މަސައްކަތް ކުރާތީ، ނޫސްވެރިން އެކަމާ ދެކޮޅަށް ކޮމިޓީ ބައްދަލުވުމުގައި އިހުތިޖާޖުކުރި އެވެ.

މި ބިލުން މިނިވަން މީޑިއާގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އަދި ހާއްސަކޮށް ސޯޝަލް މީޑިއާއަށް އަސަރުކުރާ ކަމަށް ގާނޫނީ ވަކީލުންނާއި ނޫސްވެރިން ދަނީ ބުނަމުންނެވެ.

ނަމަވެސް ބިލަށް ތާއިދުކުރާ މެންބަރުންނާއި ސަރުކާރުން އެއީ ހަގީގަތެއް ނޫން ކަމާއި މި ބިލުން ހަމައެކަނި ރެގިއުލޭޓުކުރަނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާތައް ކަމަށް ބުނަމުންދެ އެވެ.

ސަރުކާރުން މިހެން ބުނާއިރު، ނޫހުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް ވެބް ސައިޓުތަކާމެދު، މި ސަރުކާރުން ފިޔަވަޅު އަޅާފައިވެ އެވެ. އަދި މި ސަރުކާރުގެ ވެރިންނަށް ކުރާ ތުހުމަތުތަކާއި ވައްކަންތައް ފަޅައިއަރުވަމުންދާ "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކްސް އެކައުންޓު ބަންދުކުރަން މި ސަރުކާރުން އެތައް ފަހަރަކު މަސައްކަތް ކުރި އެވެ.

މިނިވަން މީޑިއާގެ ދިފާއުގައި މިއަދު ހެނދުނު 8:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭ ކައިރީ މުޒާހަރާކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް މިއަދު ހެނދުނު މަޖިލިސް ދޮށަށް އެއްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.