Advertisement

ބޮޑެތި ޓީޓީތަކަށް 50 ޕަސެންޓު ޑޮލަރު ނުލިބޭ ކަމުގެ ޝަކުވާ

14 ސެޕްޓެންބަރު 2025 - 12:31 1

މާލޭ ކޮމާޝަލް ބަނދަރު: ޑޮލަރު ތާށިކަމުގެ އަސަރު ސަޕްލައިއަށް ކުރޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ބޮޑެތި ޓީޓީތަކަށް 50 ޕަސެންޓު ޑޮލަރު ނުލިބޭ ކަމުގެ ޝަކުވާ

14 ސެޕްޓެންބަރު 2025 - 12:31 1

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ފަސޭހައެއް ހޯދައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރާ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭނެ ކަމަށް ބުނި ނަމަވެސް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވާއިރު، އެ ނިސްބަތަށް ޑޮލަރު ނުލިބޭ ކަމަށް ވިޔަފާރިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.

ބީއެމްއެލްއިން މި އަހަރު ފެށުނު އިރު ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެނީ ކުރާ މުއާމަލާތުގެ 10 ޕަސެންޓާ ހަމައަށެވެ. ނަމަވެސް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ބީއެމްއެލްއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޭ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ. އަދި މިހާރު 30 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެފައި ވެ އެވެ.

މިހެން ނަމަވެސް، އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ 2500 ޑޮލަރުން މަތީގެ އަދަދެއް ޓީޓީ ކުރާއިރު، 50 ޕަސެންޓު ނުލިބޭ ކަމަށެވެ. އަދި މިއީ މުދާ އެތެރެކުރާ ބަޔަކު އާންމުކޮށް ޓީޓީ ހަދާ އަދަދެއް ނޫން ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.

"ޗައިނާއިން މި ހިސާބަށް 20 ފޫޓުގެ ކޮންޓެއިނަރެއް ގެންނަން އެކަނި 2800 ޑޮލަރު. ދެން މުދަލާ އެކީ ބަލަމާ މިސާލަކަށް 8000 ޑޮލަރު އަރާނެ. އޭގެ 50 ޕަސެންޓަކީ 4000 [ޑޮލަރު]، އެކަަމަކު ލިބެނީ 2400 ވަރަކަށް ޑޮލަރު ބޭންކުން،" ޗައިނާއިން ގިނަ ވައްތަރުތަކުގެ މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

މީގެ ސަބަބުން ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ވިޔަފާރިކުރުމުގެ ހަރަދު ބޮޑުވުމާއި ގަވާއިދުން މުދާ ނުގެނެވުމުގެ ސަބަބުން ވިޔަފާރިއަށް ބުރޫއެރުމެވެ. އަދި މުދަލުގެ އަގު ބޮޑުކުރަން މަޖުބޫރުވާ ހިސާބަށް ސަޕްލައި މައްސަލަ ބޮޑު ކަމަށް ތައްޔާރީ ކާބޯތަކެތި އެތެރެކުރާ މެދު ފަންތީގެ ވިޔަފާރިއެއްގެ އިސް މީހަކު ވެސް ބުންޏެވެ.

ޑޮލަރު ސަޕޯޓުގެ ނިސްބަތާއި މުދާ އެތެރެކުރުމުގެ ހަރަދު


ބޭންކުން ޑޮލަރު ސަޕޯޓު ފޯރުކޮށްދޭ މިންވަރުން ވިޔަފާރި ކުރުމުގެ ހަރަދަށް ސީދާ އަސަރު ކުރެ އެވެ. ސަބަބަކީ ބޭންކު ރޭޓުގައި ގަންނަން ލިބޭ ޑޮލަރާއި ކަޅު ބާޒާރުން ޑޮލަރު* ގަންނަން ޖެހޭ އަގާ ހުރި ބޮޑު ފަރަގެވެ. މިސާލަކަށް: 10000 ޑޮލަރު ޓީޓީކުރަން ވެގެން ބޭންކަށް ދިޔައިމަ ބޭންކުން ޑޮލަރު ސަޕޯޓު ދޭން ނިންމާ މިންވަރަކުން ވިޔަފާރިއަކުން މުދާ ގެންނަން ކުރަން ޖެހޭ ހަރަދަށް ބަދަލު އާދެ އެވެ. އެއީ: - 10 ޕަސެންޓު ދޭނަމަ ކަޅު ބާޒާރުން 9000 ޑޮލަރު ގަންނަން ޖެހޭ (ޝިޕްމަންޓު އަގު 190،920ރ.) - 20 ޕަސެންޓު ދޭނަމަ ކަޅު ބާޒާރުން 8000 ޑޮލަރު ގަންނަން ޖެހޭ (ޝިޕްމަންޓު އަގު 187،440ރ.) - 30 ޕަސެންޓު ދޭނަމަ ކަޅު ބާޒާރުން 7000 ޑޮލަރު ގަންނަން ޖެހޭ (ޝިޕްމަންޓު އަގު 182،760ރ.) - 40 ޕަސެންޓު ދޭނަމަ ކަޅު ބާޒާރުން 6000 ޑޮލަރު ގަންނަން ޖެހޭ (ޝިޕްމަންޓު އަގު 178،680ރ.) - 50 ޕަސެންޓު ދޭނަމަ ކަޅު ބާޒާރުން 5000 ޑޮލަރު ގަންނަން ޖެހޭ (ޝިޕްމަންޓު އަގު 174،600ރ.) *ކަޅު ބާޒާރުން ގަންނަ ޑޮލަރުގެ އަގު ހިސާބުކުރީ 19.50ރ. ރޭޓުގައި

ބޭންކުން ޑޮލަރު ސަޕޯޓު ދޭ ނިސްބަތް ކަނޑައެޅުން އޮންނަނީ އެ އިރެއްގައި ޑޮލަރު ލިބެން ހުރި މިންވަރަކަށް ބަލާފަ އެވެ.

ނިމުނު ހަފުތާގެ ތެރޭގައި ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް އެ ބޭންކުން ވަނީ ޑޮލަރު ސަޕޯޓުގެ ގޮތުގައި 73 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. މިއީ ހުސްވި އަހަރު، މުޅި އަހަރުގެ ތެރޭގައި ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޫކުރި 69 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ.

ބީއެމްއެލްއިން ވިޔަފާރިތަކަށް ޓީޓީ ހަދަން ދޫކުރާ ފައިސާ އިތުރުކުރީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިމްޕޯޓުގެ ބޭނުންތަކަށް ބޭންކުތަކަށް ދޫކުރާ ފައިސާ އިތުރުކުރުމާ ގުޅިގެންނެވެ. އެމްއެމްއޭއިން ބުނީ ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކާ ފައިސާގެ ތެރެއިން ވެސް ބޮޑު ބަޔެއް ވިއްކަނީ އަނބުރާ ބޭންކުތަކަށް ކަމަށެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް ޑޮލަރު ގަންނަން ލިބެން ހުރި އާންމު ރޭޓު އުޅެނީ ޑޮލަރެއް 19.90ރ. އާއި 20.10ރ. އާ ދެމެދުގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ 4.68ރ. އާއި 4.48ރ. ބޮޑު އަދަދެކެވެ.