Advertisement

ބިލުން މިނިވަންކަމާއި ޑިމޮކްރަސީ ނެތިކޮށް ފަނާކޮށްލާނެ: ޝުނާނާ

14 ސެޕްޓެންބަރު 2025 - 09:04 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ: އޭނާ ވަނީ މި ބިލު ވަގުތުން ބޭރުކޮށްލަން ގޮވާލާފައި --- ފޮޓޯ: ޕީއައިއެލްސީ


ބިލުން މިނިވަންކަމާއި ޑިމޮކްރަސީ ނެތިކޮށް ފަނާކޮށްލާނެ: ޝުނާނާ

14 ސެޕްޓެންބަރު 2025 - 09:04 4

ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ ހިޔާލާއި ފިކުރުގައި ތަޅު އެޅުވުމަށް ހުށަހަޅާފައިވާ ބިލަކީ މިނިވަންކަމާއި ޑިމޮކްރަސީ ނެތިކޮށް ފަނާކޮށްލާނެ ބިލެއްގެ ގޮތުގައި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ސިފަކުރައްވައިފި އެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގެ ނަމުގައި ސަރުކާރުގެ ފުރިހަމަ ތާއިދާއެކު މަޖިލީހަށް ވައްދާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާޓިފިޝަލް ބީޗުގައި ވަނީ ފޯރަމެއް ބާއްވާފަ އެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި އޯޕަން މައިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ޝުނާނާ ވަނީ އެ ބިލުން އާންމުންގެ ސޯޝަލް މީޑީއާ އެކައުންޓުތަކަށް އަސަރުކުރާނެކަން ސާފުކޮށްދީފަ އެވެ. ހުރިހާ ރައްޔިތުން ވެސް ބިލާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަށް އޭނާ ގޮވާލެއްވި އެވެ.

"ހިޔާލު ތަފާތު ނުވާނެ ކަމެއް ކޮބައިތޯ؟ ސިޔާސީ ވެރިންނާއި ސިޔާސަތަކާ މެދު ބަހެއް ބުނުމަށް މިހާރު ސަރުކާރުގެ ކުންފުނިތަކުގައި ތިބޭ މީހުން ބިރުގަނޭ. ވަޒީފާ ގެއްލިދާނެތީ ބިރަށް ތިބެނީ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރު ވެސް ރައްޔިތުންނަށް ލިބެނީއެއް ނޫން،" ޝުނާނާ ވިދާޅުވި އެވެ.

މި ވަގުތު ވެސް ރާއްޖޭގައި މިނިވަން މީޑިއާއެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ގިނަ ނޫސްތަކުން ސަރުކާރުގެ ސްޕޮންސާ ކަނޑާލަފާނެ ކަމުގެ ބިރަށް ސަރުކާރާ ދެކޮޅު ހަބަރުތައް ޖަހަން ނުކެރޭތީ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

"މިހާރު އޮތީ ވަރަށް ޅަފަތުގައި އޮތް ޑިމޮކްރަސީއެއް. ވަރަށް ހަނި ދާއިރާއެއްގައި ނޫސްވެރިންނަށް ނޫސްވެރިކަން އަދާކުރެވޭއިރުގައި މިހާރު މި އުޅެނީ ޑިމޮކްރަސީ ނެތިކޮށް ފަނާކޮށްލަން. މިނިވަންކަން ނެތިކޮށް ފަނާކޮށްލަން،" ކަންބޮޑުވުން ފާޅުކުރައްވަމުން ޝުނާނާ ވިދާޅުވި އެވެ.

މި ބިލު ފާސްކޮށްފިނަމަ ހުދުމުހުތާރު ވެރިކަމަކަށް ރާއްްޖެ ވެއްޓިގެންދާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އެތަކެއް ވަޒީފާތަކެއް އުފެއްދި ނަމަވެސް ކިޔަވައިގެން ތިބޭ ޒުވާނުންނަށް ވަޒީފާ ނުލިބޭކަން ޝުނާނާ ފާހަގަކުރެއްވި އެވެ.

"މި ބިލު ފާސްކުރަނީ ކޮރަޕްޝަން، އިތުރަށް ވައްކަން ކުރަން. މިހާރު ވެސް ވައްކަން ކުރަމުން ދަނީ. އަބަދުވެސް ކުރަމުން ދަނީ. އެންޓި ކޮރަޕްޝަން ކޮމިޝަން ނުހިނގާތާ އެތައް އަހަރުތަކެއް ވެއްޖެ. މިހާރު ވެސް ނުހިނގާ. ކުރިއަށް އޮތް ތަނުގައި ވެސް އެ އުޅެނީ ކުރާ ވައްކަން ފޮރުވަން. އިތުރަށް ހަނިކުރަން. ހުރިހާ އެންމެން ވެސް ތެދުވާން ޖެހޭ،" ޝުނާނާ ގޮވާލެއްވި އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.

ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.