Advertisement

ބަޔާންގެ ދަނޑަށް ހެމްބާގްގެ އެނބުރި އައުން އުފާވެރިއެއް ނޫން

13 ސެޕްޓެންބަރު 2025 - 23:54 0


ބަޔާންގެ ދަނޑަށް ހެމްބާގްގެ އެނބުރި އައުން އުފާވެރިއެއް ނޫން

13 ސެޕްޓެންބަރު 2025 - 23:54 0

މިއުނިކް (ސެޕްޓެމްބަރު 13) - މި ފަހަރު އަލުން ޖަރުމަނު ފުރަތަމަ ޑިވިޝަން، ބުންޑަސްލީގާ އަށް ޕްރޮމޯޓްވި ހެމްބާގުން ބަޔާން މިއުނިކް ދަނޑުގައި ކުޅުނު މެޗުން 5-0 އިން ބަލިވެއްޖެ އެވެ.

މިއީ، ބަޔާން ދަނޑުގައި ހެމްބާގް ޖެހިޖެހިގެން ބަލިވި 10 ވަނަ މެޗެވެ. ބަޔާނުން ވަނީ މި މެޗުގައި ހޯދި މޮޅާ އެކު، މި ފަހަރު ލީގު ފަށައިގެން ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ސަތޭކަ ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ.

އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ބަޔާނުން ލީޑުނެގީ، ތިން ވަނަ މިނިޓްގައި ކޮންރަޑް ލައިމާ ދިން ބޯޅައަކުން ސާޖް ގްނަބްރީ ޖެހި ގޯލުންނެވެ. އޭގެ ހަ މިނިޓް ފަހުން، ހެރީ ކޭން ދިން ބޯޅައަކުން ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ އަލެކްސަންޑަ ޕަވްލޯވިޗް އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި، ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ކޭން އެވެ. މިއީ، ހެމްބާގް ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ތިން މިނިޓް ފަހުން، ޖޯޝުއާ ކިމިކް ދިން ބޯޅައަކުން ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި ހަތަރު ގޯލުގެ ލީޑެއް ނެގި، ބަޔާނުން ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖެހި އެވެ. މެޗުގެ 62 ވަނަ މިނިޓްގައި، ބަޔާންގެ ފަހު ގޯލު ޖެހީ މައިކަލް އޮލީސޭ ދިން ބޯޅައަކުން ކޭން އެވެ.

މި މޮޅާ އެކު، ތިން މެޗުން ނުވަ ޕޮއިންޓާ އެކު، ބަޔާން ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު، ބޮރޫޝިއާ ޑޯޓްމަންޑް އެވެ. މިރޭ، ޑޯޓްމަންޑް ކުޅުނު މެޗުން، އެ ޓީމު ވަނީ، 2-0 އިން ހެއިޑެންހައިމް ބަލިކޮށްފަ އެވެ. މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު ހެއިޑެންހައިމް ކޮޅަށް ޑޯޓްމަންޑުން ލަނޑުތައް ޖެހީ ސޭހޫ ގިރާސީ އާއި މެކްސިމިލިއަން ބައިއާ އެވެ.