Advertisement

ފޮރެސްޓް ބަލިކޮށް އާސެނަލަށް އާ ފެށުމެއް

13 ސެޕްޓެންބަރު 2025 - 18:29 0


ފޮރެސްޓް ބަލިކޮށް އާސެނަލަށް އާ ފެށުމެއް

13 ސެޕްޓެންބަރު 2025 - 18:29 0

ލަންޑަން (ސެޕްޓެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން މޮޅުވެ، އާސެނަލުން ލީގުގެ ރޭހުގައި އާ ފެށުމަކާ އެކު ކުރިއަށްދާން ހިތްވަރު ހޯދައިފި އެވެ.

މިއީ، ފޮރެސްޓްގެ ކޯޗުކަމާ އަންޖް ޕޮސްޓެކޮގްލޫ ހަވާލުވިތާ ހަތަރު ދުވަސް ތެރޭ އެ ޓީމަށް ކުޅެން ޖެހުނު މެޗެކެވެ.

ލީގުގައި އާސެނަލުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ތިން ވަނަ މެޗުން ވަނީ ލިވަޕޫލް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން، އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން އާސެނަލް މި ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަން ސަލީބާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އަދި، ބުކާޔޯ ސަކާ ޓީމުގައި ނުހިމެނޭއިރު، ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑްގެ ކޮނޑަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ.

އާސެނަލުން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. މިއީ ކޯނަރަކުން، ފޮރެސްޓްގެ ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅައެއް ވޮލީއަކުން ގޯލަށް އަމާޒުކޮށްލައިގެން، އާސެނަލްގެ ސްޕެއިން މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ ޖެހި ގޯލެކެވެ. މިއީ، ރެއާލް ސޮސިއެޑާޑް ދޫކޮށް އާސެނަލާ މި ފަހަރު ގުޅުނު ޒުބިމެންޑީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގައި ފޮރެސްޓްގެ ޑިފެންޑަރު، މުރީލޯ ވެސް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 46 ސިކުންތު ތެރޭގައި، އާސެނަލުން ދެ ވަނަ ލަނޑު ޖެހިފަ އެވެ. މިއީ، އާސެނަލާ މި ފަހަރު ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެބްރެޒީ އެޒޭ އާއި ވިކްޓަ ޔޯކެރޭޝްގެ ކޮމްބިނޭޝަނަކުން ޖެހި ގޯލެކެވެ. އެޒޭ ހުސްކޮށްލާފައި ނަގައިދިން ހުރަަހަކުން ޔޯކެރޭޝް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ފަހުން، ޔޯކެރޭޝް ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

އޭގެ ފަހުން، ފޮރެސްޓްގެ ފޯވާޑް، ނިއުޒީލެންޑްގެ ކްރިސް ވުޑް މެއިން ޖައްސާލި ބޯޅައެއް ވަނީ އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ އަތްމަތިން ގޮސް ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

އާސެނަލްގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ބޯޅައަކުން ޒުބިމެންޑީ އެވެ. ޒުބިމެންޑީ އެ ބޯޅަ ގޯލަަށް ވައްދާލި ބޮލުންނެވެ. މިއީ، ކެރިއަރުގައި މިހާތަނަށް ޒުބިމެންޑީ ބޮލުން ޖެހި ފުރަތަމަ ގޯލެވެ.