Advertisement

ޕްރިލިމިނަރީ ބުރު ފަހަނައަޅައި ސާއިދު ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރަށް

13 ސެޕްޓެންބަރު 2025 - 08:07 0


ޕްރިލިމިނަރީ ބުރު ފަހަނައަޅައި ސާއިދު ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރަށް

13 ސެޕްޓެންބަރު 2025 - 08:07 0

ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ތަމްސީލްކުރާ ގައުމީ އެތުލެޓިކްސް ޓީމުގެ، ހަސަން ސާއިދު، 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަހަނަައަޅައި، ފުރަތަމަ ބުރުން ޖާގަ ހޯދައިފި އެވެ.

ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސާއިދު، 33، މިއަދު ދުވެފައިވަނީ، ޕްލިމިނަރީ ބުރުގެ ހީޓު ތިނެއްގަ އެވެ. އެ ހީޓުގައި އަށް ދުވުންތެރިންގެ ތެރެއިން ސާއިދު ދިޔައީ ހަތަރު ވަނަ އެވެ. އެއީ، 10.84 ސިކުންތުންނެވެ،

މި ހީޓުގެ އެއް ވަނަ ހޯދި، ބާބަޑޯސްގެ ކުރޯން ގްރިފިތުގެ ޓައިމިން އަކީ، 10.47 ސިކުންތެވެ. ދެ ވަނަ ހޯދި ގެމްބިއާގެ އަލިއޫ ޖޫފްގެ ޓައިމިން އަކީ 10.60 ސިކުންތެވެ. އަދި، ސާއިދު އަށް ވުރެ ކުރިން ނިންމައި، ތިން ވަނަ ހޯދި ތަޖިކިސްތާންގެ ފަވޮރިސް މުޒްރަޕޯވްގެ ޓައިމިން އަކީ 10.67 ސިކުންތެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ޕްރިިލިމިނަރީ ހީޓުގައި ލޭން ހަތަރަކުން ސާއިދު ދުވަނީ.--- ފޮޓޯ: ގެޓީ އިމޭޖަސް


ސާއިދު އަށް ފުރަތަަމަ ބުރުން ޖާގަ ލިބުނީ، ހީޓުގެ ހަތަރު ވަނަ ދިޔަ ކަމުގައި ވިޔަސް، ޕްރިލިމިނަރީ ބުރުގެ ތިން ހީޓުގެ ހުރިހާ ދުވުންތެރިިންގެ ޓައިމިން އަށް ބަލާއިރު، ގަދަ އަށެއްގެ ތެރޭގައި ހިމެނޭތީ އެވެ. ތިން ހީޓުގައި ދުވި 24 ދުވުންތެރިންގެ ތެރެއިން ސާއިދު ދިޔައީ އަށް ވަނަ އަށެވެ.

މީގެ ކުރިން، ސާއިދު ވަނީ، 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕާއި 2017 ވަނަ އަހަރު ލަންޑަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ފުރަތަމަ ބުރުގައި ވާދަކޮށްފަ އެވެ. އެންމެ ފަހުން، 2022 ވަނަ އަަހަރު އޮރެގޯންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި، ޕްރިލިމިނަރީ ހީޓުގެ ފަސް ވަނަ ހޯދައިގެން ވެސް ސާއިދު ވަނީ ފުރަތަމަ ބުރުގައި ވާދަކޮށްފަ އެވެ. އެހެންކަމުން، ސާއިދު މި ވަނީ، ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެިރވި ހުރިހާ ފަހަރެއްގައި ވެސް ޕްރިލިމިނަރީ ބުރުން ކުރިއަށްގޮސްފަ އެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ ހީޓުތައް ކުރިއަށްދާނީ މިރޭ އެވެ.