Advertisement

އިންޑިއާގައި ބާއްވާ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ

about 1 hour 0

ދާދި ފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އިންޑިއާގައި ބާއްވާ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ

about 1 hour 0

އިންޑިއާގައި މި މަހު ފަހުކޮޅު ބާއްވާ ތިން ވަނަ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެ ގޮތުން، އިންޑިއާގެ ޗަންދީގަރުގައި މި މަހު 28 ގައި ފަށާ މުބާރާތުގައި ރާއްޖޭގެ ފިރިހެން ދެ ޓީމާއި އަންހެން ދެ ޓީމު ވާދަކުރާނެ އެވެ.

އެ ގޮތުން، ވާދަކުރާނީ ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން އަދި ފިރިހެން ޓީމާއި ހަތަރެއް ގުނަ 400 މީޓަރުގެ އަންހެން އަދި ފިރިހެން ޓީމެވެ.

މި މަހު 26 ވަނަ ދުވަހު މި މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ޓީމު ފުރާގޮތަށް ހަމަޖެހިފައިވާއިރު، ހަތަރެއް ގުނަ 100 މީޓަރު ރޭހުގައި ދުވާ ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާ އެވެ. ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ.

ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގެ ފިރިހެން ޓީމުގައި ހިމެނެނީ، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. އަދި، މި އިވެންޓުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދު އެވެ.


މި މުބާރާތަށް ޓީމު ކަނޑައެޅުމުގައި ބަލާފައިވަނީ، ދާދި ފަހުން ނިމިގެންދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނަތީޖާ ތަކަށް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) ވިދާޅުވީ، މިއީ ދުނިޔޭގެ ރިލޭ މުބާރާތަށް ކޮލިފައިވުމަށް އޮތް މަރުހަލާގެ ތެެރެއިން އަންނަ ފަހު ދުވަސްތަކުގެ ތެރޭގައި އިންޑިއާ އިން އެ މުބާރާތަށް ކޮލިފައިވުމުގެ އަމާޒުގައި ކުރިއަށްގެންދާ ކޮލިފިކޭޝަން އިވެންޓެއް ކަމަށެވެ.

"ކޮލިފައިވުމަށް އިންޑިއާ އިން ކުރާ މަސައްކަތުގައި އިންޑިއާގެ ދައުވަތަކަށް ރާއްޖޭން މި ބައިވެރިވަނީ، އިންޑިއާ އިން އަބަދުވެސް ދައުވަތު ދޭ މި ގޮތަށް ބާއްވާ މުބާރާތްތަކަށް،" މުންތަގިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ދަތުރުގައި، ރާއްޖޭގެ ޓީމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން ކަމަށެވެ.

އެ ގޮތުން، ޓިކެޓާއި އެކޮމަޑޭޝަންގެ ކަންކަން އިންޑިއާ ފެޑެރޭޝަނުން ހަމަޖައްސައިދޭއިރު، ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ކުރަން ޖެހޭ ކަމަކީ، އެކި ރަށްރަށުން އަންނަ ކުޅުންތެރިން އިންޑިއާ އަށް ފުރުމާ ހަމައަށް އެ ކޮށްދޭން ޖެހޭ ކަންކަން ހަމަޖައްސައިދިނުން ކަމަށް މުންތަގިމް ވިދާޅުވި އެވެ.