Advertisement

ކްލަބް މޯލްޑިވްސް ކަޕް: ސްޓެލްކޯ، އެޗްޑީސީ އަދި އެމްޓީސީސީ އެއް ގްރޫޕަކަށް

13 ސެޕްޓެންބަރު 2025 - 07:18 0


ކްލަބް މޯލްޑިވްސް ކަޕް: ސްޓެލްކޯ، އެޗްޑީސީ އަދި އެމްޓީސީސީ އެއް ގްރޫޕަކަށް

13 ސެޕްޓެންބަރު 2025 - 07:18 0

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީ އަދި ޓީމު އެމްޓީސީސީ ވަނީ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މި ތިން ޓީމާ އެކު، ގްރޫޕް ސީގައި އޮތީ އުރީދޫ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މި ފަހަރު ހަ ގްރޫޕެއްގައި ޖުމްލަ 24 ޓީމު ވާދަކުރެ އެވެ. ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް، ގަދަ 16 ޓީމުގެ ބުރުން ޖާގަ ލިބޭނެ އެވެ. ހަ ގްރޫޕްގެ ގަދަ ދެ ޓީމަށް ޖާގަ ދިނުމަށްފަހު، ގަދަ 16 ބުރުގެ ފަހު ހަތަރު ޖާގަ ލިބޭނީ، ހަ ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ހަތަރު ޓީމަކަށެވެ.


ގްރޫޕް އޭގައި ހިމެނެނީ، ދިވެހި ސިފައިންގެ ކްލަބާއި ޓީމު އެމްއޭސީއެލް، އިމިގްރޭޝަން އަދި ބަރޮސް އެވެ. އެމްއޭސީއެލް އަކީ ކުރީގެ ޗެމްޕިއަނެކެވެ. އަދި، މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވަމުން އަންނަ ޓީމެކެވެ.

ކިންގްސް ކަޕްގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް އޮތީ، ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމު، އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ކްލަބް ފެން އަދި ކަސްޓަމްސްއާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް ސީގައި، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް އެންމެ ވަރުގަދަ އަށް ތައްޔާރުވަމުން އަންނަ ތިން ޓީމެއް ކަމަށްވާ އެޗްޑީސީ، އެމްޓީސީސީ އަދި ސްޓެލްކޯގެ އިތުރުން ދެން އޮތީ އުރީދޫ އެވެ.

ގްރޫޕް ޑީގައި ހިމެެނެނީ، އަހަރެއްގެ މެދުކެނޑުމަކަށް ފަހު، ކްލަބް މޯލްޑިވްސް ކަޕަށް އެނބުރި އައި ކުރިގެ ޗެމްޕިއަނެއް ކަމަށްވާ ފެނަކައިގެ އިތުރުން، ކުރީގެ ދެ ރަނަރަޕް، މޯލްޑިވިއަން، އެފްއެސްއެމް އަދި ޕްރިޒަން ކްލަބް އެވެ.

ކުރިގެ ޗެމްޕިއަނެއް ކަމަށްވާ އެމްޕީއެލް އިން ގްރޫޕް އީގައި އޮތީ ދިރާގު، ޕޮލިސް ކްލަބް އަދި އޭވިއޭޝަން ސެކިއުރިޓީއާ އެކުގަ އެވެ.

ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އޮތީ ގްރޫޕް އެފްގަ އެވެ. އެ ޓީމާ އެކު މި ގްރޫޕްގައި ލައްވާލީ ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑް ބީއެމްއެލް، ވަރުގަދަކޮށް މި ފަހަރު ނުކުންނަ ކްލަބް ޓީޓީއެސް އަދި ގޭސް ރެކްރިއޭޝަން ކްލަބް އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.