Advertisement

އިންތިހާބު ބޯމަތިވުމުން ވިލުފުށީ އެއާޕޯޓުގެ ވައުދު ސަރުކާރަށް ހަނދާން ވެއްޖެ

11 ސެޕްޓެންބަރު 2025 - 10:45 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންތިހާބު ބޯމަތިވުމުން ވިލުފުށީ އެއާޕޯޓުގެ ވައުދު ސަރުކާރަށް ހަނދާން ވެއްޖެ

11 ސެޕްޓެންބަރު 2025 - 10:45 3

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވިލުފުށީ އެއާޕޯޓުގެ ވައުދު ސަރުކާރަށް އަނެއްކާ ވެސް ހަނދާވެއްޖެ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ސަރުކާރުން މަސައްކަތް ފަށާފައި އޮތް ވިލުފުށީ އެއާޕޯޓުގެ މަސައްކަތް، މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން އަދަދު އަށް ވިދާޅުވީ އެއާޕޯޓު މަޝްރޫއަށް ހަދަންޖެހޭ އީއައިއޭ މިދިޔަ ހަފްތާގައި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެއާޕޯޓުގެ އީއައިއޭ ސަރުކާރުން ނިންމާފައި މިވަނީ ރައީސް މުހައްމަދު މުއިއްޒު ވިލުފުއްޓަށް މި މަހުގެ 23، ގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން އަދަދު އަށް ވިދާޅުވީ މުއިއްޒު އެ ރަށަށް މި މަހުގެ 23، ގައި ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެންގީ އިއްޔެ ކަމަށެވެ.

"ވިލުފުށި އެއާޕޯޓަކީ ކޮންމެ ވެރިކަމެއްގައި ވެސް ފުއްދަން ބުނާ ވައުދެއް. އެއާޕޯޓުގެ އީއައިއޭ ނިންމީ މިދިޔަ ހަފްތާގައި. ރައީސް މި މަހު 23 ގައި ވަޑައިގަންނަވާނެކަން ރަސްމީކޮށް އެންގީ އިއްޔެ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ސެޕްޓެމްބަރު 3، 2023، ގައި މުއިއްޒު ވިދާޅުވީ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް މިދިޔަ ސަރުކާރަށް ނުވި ކަމަށާއި އެކަން ކޮށްދޭނީ މި ސަރުކާރުން ކަމަށެވެ.

"އަޅުގަނޑުމެން މި ދެންނެވި ފަދައިން މިއީ ނަތީޖާ ނެރެދޭ މީހުން. އިހުލާސްތެރިކަމާ އެކުގައި އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ އެ އެއާޕޯޓް އަޅައި ހަގީގަތަކަށް ހަދައިދޭ ތަން،" މުއިއްޒު ވިދާޅުވި އެވެ.

ވިލުފުށީގައި އެއާޕޯޓެއް ހަދަން ނިންމާފައި އޮތީ އެ ރަށުގެ ފަޅު ހިއްކައިގެންނެވެ. އެ މަޝްރޫއުގައި 1،800 މީޓަރުގެ ރަންވޭ އަކާއެކު އެއާޕޯޓަށް ބޭނުންވާ ޕެސެންޖާ ޓާމިނަލް އާއި ފަޔަ ބިލްޑިން އަދި އެޑްމިން އިމާރާތް އަޅާ އެއާފީލްޑް ލައިޓިން ސިސްޓަމް ގާއިމު ކުރުން ހިމެނެ އެވެ.

މިދިޔަ އަހަރު މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ 277 މިލިއަން ރުފިޔާ އަށެވެ.