about 7 hours 0
ލީވާން އަލީ ނާސިރު
about 7 hours 0
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ތ. ވިލުފުއްޓާއި ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހުއުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން އަތުލުމަށްފަހު ހައުސިން މިނިސްޓްރީން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލީ ސަރުކާރުގެ، ބޯހިިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ ދަށުންނެވެ.
މިގޮތުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލީ މިއަދުން ފެށިގެން އޭޕްރިލް 11، ގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. މިނިސްޓްރީން ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އިއުލާންކޮށްފަ އެވެ.
ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް ކޯޓުން އެކަން ހުއްޓުވާފައިވާ ދަނޑިވަޅެއްގައި މިނިސްޓްރީން ވަނީ ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން އަތުލާފަ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ޖެނުއަރީ 3، ގައި ބުނީ ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ނެގީ ކޯޓު އަމުރާ ހިލާފަށް ސީދާ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށެވެ.
ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ވެސް ކުރިމަތިލާން ހުޅުވާލީ މިއަދުން ފެށިގެން އެޕްރީލް 11، ގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. އޭގެއިތުރުން ހައުސިން ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
ތުޅާދޫ އާއި ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ މީހުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ތުޅާދޫ އަދި ވިލުފުށީގަައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުތަކުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކެއްކަން ފާހަގަކޮށްލެވެ އެވެ.
މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް އެއްވެސް މަޝްރޫއެއް މިހާތަނަށް ކުރިއަށް ނުދާކަން ފާހަގަކުރެވެ އެވެ.
Comment