11 ސެޕްޓެންބަރު 2025 - 06:54 0
11 ސެޕްޓެންބަރު 2025 - 06:54 0
ބާލިން (ސެޕްޓެމްބަރު 11) - މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، ޖަރުމަނު ލީގުގެ ވުލްފްސްބާގަށް ސޮއިކޮށްފި އެވެ.
އުމުރުން 33 އަހަރުގެ އެރިކްސަން، ވުލްފްސްބާގާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށެވެ.
ޔުނައިޓެޑަށް 107 މެޗު ކުޅެދިން އެރިކްސަން ވަނީ އެ ޓީމާ އެކު، 2023 ވަނަ އަހަރުގެ ލީގު ކަޕާއި 2024 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ތިން ސީޒަނުގެ ތެރޭގައި، އެރިކްސަން އަށް ޔުނައިޓެޑަށް ކާމިޔާބުކޮށްދެވުނީ އަށް ގޯލެވެ.
މީގެ ތިން އަހަރު ކުރިން، ބްރެންޓްފޯޑް ދޫކޮށް ޔުނައިޓެޑަށް ބަދަލުވި އެރިކްސަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. އެ ގޮތުން، އެ ފަހަރު ދަނޑުމަތީގައި، ފަރުވާ ދިނުމަށް ފަހު، އެރިކްސަން ދަނޑުން ގެންދިޔައީ ވަގުތުން ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު 2022 ވަނަ އަހަރު ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ.
އެރިކްސަން ވަނީ، އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް އަދި އަޔަކްސް އަށް ވެސް ކުޅެފަ އެވެ. އަދި، ކްލަބަކާ ނުގުޅެ ހުރި މުއްދަތުގައި، އެރިކްސަން، އިންޑިވިޖުއަލް ޓްރެއިނިން ގެންދިޔައީ، މަލްމޯގަ އެވެ.
Comment