16 ޖޫން 2024 - 09:22 0
16 ޖޫން 2024 - 09:22 0
ސްޓުޓްގާޓް (ޖޫން 16) - އެންމެ ފަހުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހާދިސާއާ މެދު މިހާރު ނުވިސްނާ ކަމަށާއި, ވިސްނުން ހުރީ ކާމިޔާބު ހޯދަން ކަމަށް އެރިކްސަން ބުނެފި އެވެ.
އެ ފަހަރުގެ ޔޫރޯގައި ޑެންމާކުން ފިންލެންޑް އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވި މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން އަށް ކާޑިއޭކް އެެރެސްޓް އެއް ޖެހި (ހިތްހުއްޓިގެން) ދަނޑުމަތީގައި ފަރުވާދީފައިވެ އެވެ. އަދި އެ ހާދިސާއާ ގުޅިގެން އެރިކްސަން ކުޅުމާ ދުރުގައި ނުވަ މަސް ހޭދަކުރަން ޖެހުނެވެ.
އެކަމަކު، އޭގެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕުގައި އެރިކްސަން ވަނީ ކުޅެފަ އެވެ. އަދި އެ މުބާރާތުގައި އެރިކްސަންގެ ފަރާތުން މޮޅު ކުޅުމެއް ވެސް ފެނިގެންދިޔަ އެވެ.
"އެއް މެޗުގައި ހިނގާ ހާދިސާއަކަށް އަހަރެން ނުވިސްނަން. އެކަމަކު, އެ ހާދިސާ ހިނގުމާއެކު އަހަރެން އަޒުމު ކަނޑައެޅިން މިހާރު މިހުރި ލެވަލް އަށް އައުމަށް. އެކަން އަހަރެން އަށް ހާސިލް ވެއްޖެ" އެރިކްސަން ބުންޏެވެ.
އެރިކްސަން ބުނީ މީގެ ތިން އަހަރު ކުރިން ހިގާދިޔަ ހާދިސާއާ މިހާރު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި އޭގެ ފަހުން ގިނަ ކަންކަން ހިނގާފައިވާ ކަމަށް އެރިކްސަން ބުނެފައިވެ އެވެ.
ސްލޮވީނިއާއާ ދެކޮޅަށް ޑެންމާކުން މިރޭ ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު ކެސްޕާ ހިއުލްމަންޑް ބުނީ ޔޫރޯ އަށް ޑެންމާކުން ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮލިފިކޭޝަނުގައި ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުން ކަމަށެވެ.
ޑެންމާކުން މިފަހަރުގެ މުބާރާތުގެ ކޮލިފިކޭޝަނުގައި އެންމެ ތަފާތު ކުޅުމެއް ފެނިގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފޯވާޑް، ރަސްމުސް ހޮއިލަންޑްގެ ފަރާތުންނެވެ. އޭނާ ވަނީ ކޮލިފިކޭޝަނުގައި ހަތް ގޯލު ޖަހައިފަ އެވެ. އެކަމަކު، މި ފަހުން ޑެންމާކުން ކުޅުނު އަށް މެޗުގައި އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ.
މިކަމާ ގުޅިގެން ހިއުލްމަންޑް ބުނީ މި ފަހުން ހޮއިލަންޑް ކުޅުން ދަށްވި ނަމަވެސް މިހާރު އޭނާ ހުރީ ފޯމުގައި ކަމަށެވެ.
ޔޫރޯގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކުން ސްލޮވީނިއާއާ ދެކޮޅަށް އެންމެ ފަހުން ކުުޅުނު ހަ މެޗުން ވެސް ބަލިވެފައިނުވެ އެވެ.
ސްލޮވީނިއާ އާއި ޑެންމާކް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment