Advertisement

މެންޗެސްޓާ ޔުނައިޓެޑްގެ ހޮއިލުންޑާއި އެރިކްސަންއަށް އަނިޔާވެއްޖެ

14 ނޮވެންބަރު 2023 - 10:38 0


މެންޗެސްޓާ ޔުނައިޓެޑްގެ ހޮއިލުންޑާއި އެރިކްސަންއަށް އަނިޔާވެއްޖެ

14 ނޮވެންބަރު 2023 - 10:38 0

މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑާއި ކްރިސްޓިއަން އެރިކްސަން އަށް އަނިޔާވެ، ޔުނައިޓެޑަށް އިތުރު މައްސަލަތަކާ ކުރިމަތިވެއްޖެ އެވެ.

ފޯވާޑް ހޮއިލުންޑާއި، މިޑްފިލްޑަރު އެރިކްސަން އަށް އަނިޔާވީ އިނގިރޭސީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ލޫޓަން އަތުން މޮޅުވި މެޗުގަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަންގެ ކަކުލަށް އަނިޔާވެ ވަނީ ބަދަލުކޮށްފަ އެވެ. އަނެއްކޮޅުން ހޮއިލުންޑުގެ ފަލަމަސްގަނޑަށް ތަދުވެގެން އޭނާވެސް ދެ ވަނަ ހާފުގެ ފަހުކޮޅުވަނީ ބަދަލުކޮށްފަ އެވެ.

ޑެންމާކުގެ ގައުމީ ޓީމްގެ މި ދެ ކުޅުންތެރިން ވަނީ ލޫޓަން މެޗަށްފަހު ގައުމީ ޓީމާ ގުޅިފަ އެވެ. ޔޫރޯ ކޮލިފައިންގައި ޑެންމާކު ކުޅެން އޮތް ދެ މެޗަށް އެޓީމް ތައްޔާރުވަމުން އަންނައިރު، ދެ ކުޅުންތެރިންގެ އަނިޔާގެ ސީރިއަސްކަން ބެލުމަށްވަނީ ޓެސްޓުތަކެއްވެސް ހަދާފަ އެވެ.

މި ޓެސްޓުތަކުން ދައްކާ ގޮތުން ޔޫރޯ ކޮލިފައިންގައި ސްލޮވީނިއާ އަދި ނޮދަން އަޔަލެންޑާ ދެކޮޅަށް ޑެންމާކު ކުޅޭ ދެ މެޗުގައި ވެސް ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. މި ދެ ކުޅުންތެރިން ބަދަލުގައި ގައުމީ ޓީމްގެ ކޯޗު ކެސްޕާ ހުލްމަންޑް ވަނީ އެހެން ދެ ކުޅުންތެރިއަކު ޓީމަށްވެސް ނަގާފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވުމަކީ ކޯޗު އެރިކް ޓެންހާގަށް އިތުރު ކަންބޮޑުވުމަކަށްވާނެ އެވެ. މިވަގުތު އެޓީމްގެ ފުރަތަމަ އެގާރައިގައި ގިނަ ކުޅުންތެރިންތަކެއް ތިބީ އަނިޔާގަ އެވެ. އޭގެ ތެރޭގައި މުހިންމު ދެ ޑިފެންޑަރުންކަމަށްވާ ލިސަންދްރޯ މާޓިނޭޒް އާއި ލޫކް ޝޯ ހިމެނޭއިރު، މިޑްފިލްޑަރު ކަސެމީރޯވެސް ހުރީ އަނިޔާގަ އެވެ.