Advertisement

ޕެންޝަން ލިބޭ މީހަކު ސަރުކާރުގެ ވަޒީފާއަކަށް އަލުން ނުކުމެ ވަޒީފާ އަދާ ކުރާ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ

10 ސެޕްޓެންބަރު 2025 - 17:52 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ޕެންޝަން ލިބޭ މީހަކު ސަރުކާރުގެ ވަޒީފާއަކަށް އަލުން ނުކުމެ ވަޒީފާ އަދާ ކުރާ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ

10 ސެޕްޓެންބަރު 2025 - 17:52 3

ސަރުކާރުގެ ވަޒީފާއެއް އަދާ ކުރުމަށްފަހު ރިޓަޔާ ކުރާ މީހުންގެ ތެރެއިން އަލުން ސަރުކާރު ވަޒީފާއާ ގުޅޭ މީހުންނަށް، އެ ވަޒީފާ އަދާ ކުރަމުންދާ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ހަދަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކްސްގައި އެމަނިކުފާނު ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ،" މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އޭގެއިތުރުން ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުގެ ދަށުން ލިބެމުންދާ ބައެއް އިނާޔަތްތައް އުނިކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ. އެކަން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ވެސް މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން މުއިއްޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްވެރިންނާ ހިއްސާ ކުރެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މަޖިލީހުގެ ކުރީގެ މެންބަރުންނާއި ރައީސުންނަށް ދެމުން އަންނަ އިނާޔާތްތައް ކުޑަކުރަން ނުވަތަ ކަނޑާލުމުގެ ބަހުސް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އަލުން އަނެއްކާ މި ބަހުސް ތިލަވި ދަނޑިވަޅަކީ ތަކެތީގެ އަގުތައް ބޮޑުވެ، އަތްމަތި ދަތިވަމުންދާތީ އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

މިހާރު އެކްސްގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި މަޖިލީހުން ކުރީގެ މެންބަރުންގެ ހެލްތު އިންޝޫރެންސަށް 2014 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 18.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެ އިނާޔަތްތައް ކަނޑާލަން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ހިދުމަތްތައް މެންބަރުން ބޭނުންކުރާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވިހި ވަނަ މަޖިލީހުގެ މެންބަރުން ފުރަތަމަ 14 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ވީއައިޕީ ހިދުމަތަށް ބޭނުންކުރިއިރު ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އެ ކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވެ އެވެ.

މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތައް

މަޖިލީހުގެ މެންބަރުންނަށް އިނާޔަތާއި ހެލްތު އިންޝޫރެންސް ލިބެނީ 2013 ވަނަ އަހަރު ފާސްކުރި އިމްތިޔާޒުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ 8 ވަނަ މާއްދާގެ ޅ. ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ.

މެންބަރުން މާލީ އިނާޔަތަށް ކޮލިފައި ވަނީ މެންބަރުކަމުން ވަކިވުމަށް ފަހު އަދި 55 އަހަރު ފުރުމުންނެވެ. އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސެންޓު ދެ އެވެ. މުސާރައިގެ 30 ޕަސެންޓަރީ 12،750ރ. އެވެ. 45 ޕަސެންޓަކީ 19،125ރ. އެވެ.

ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އިނާޔަތް އޮންނަނީ ނުލިބޭ ގޮތަށެވެ. އެ އިނާޔަތް ލިބޭނަމަ އެހެން ޕެންޝަނެއް ނުލިބޭނެ ކަމަށް ގާނޫނު ބަޔާންކުރެ އެވެ. އޭގެ އިތުރުން ހެލްތު އިންޝުއަރެންސާއި އޮފިޝަލް ޕާސްޕޯޓެއް ވެސް ކުރީގެ މެންބަރުންނަށް ލިބެ އެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާތްތައް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދައުލަތުން އިނާޔަތް ދެނީ 2009 ވަނަ އަހަރު ފާސްކުރި "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު" ގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު އަދާކުރި މީހަކަށް މަހަކު 50،000ރ. އަދި ދެ ދައުރު އަދާކުރި މީހަކަށް 75،000ރ. ގެ މާލީ އިނާޔަތެއް ދޭން ޖެހެ އެވެ. އެ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެ އިނާޔަތް ދޭން ޖެހެ އެވެ.

ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް 50،000ރ. ގެ އިނާޔަތެއް މަހެއްގެ މައްޗަށް ދޭއިރު ދަތުރުފަތުރުގެ ހަރަދު ވެސް ދައުލަތުން ހަމަޖައްސައިދެ އެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ވެސް ކުރީގެ ރައީސުންނަށް ލިބެ އެވެ.

އޭގެ އިތުރުން އޮފީސް ހިންގަން މަހެއްގެ މައްޗަށް 175،000ރ. ގެ އިނާޔަތެއް ކުރީގެ ރައީސުންނަށް ލިބެ އެވެ.